21 Apr 2020, 21:57
މިދުވަސްވަރަކީ ވިއްސާރަ ދުވަސްވަރެއް ކަމުން މާލޭގައި މަދިރި އާލާވިޔަ ނުދިނުމަށްޓަކައި މާލެ ސިޓީ ކައުންސިލުން މާދަމާ މަސައްކަތްތަކެއް ފަށާނެކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.
މާލޭގައި ކޮރޯނާވައިރަސް ފެތުރޭތީ ދެ ހަފްތާއަށް ގްރޭޓާ މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާ އިރު، މި ދުވަސްވަރު ވިއްސާރަކުރާތީ އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ ފަދަ ބަލިތައް އިތުރުވެދާނެކަމަށް ޑޮކްޓަރުން މިއަދު ވަނީ ވިދާޅުވެފައެވެ.
މިރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު، ރައީސް އޮފީހުގެ އަންޑަސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގައި ވިއްސާރައިގެ ހާލަތެއް އައިސްފިއްޔާ ކަންކަން ކުރަނޖެހޭ އިންތިޒާމުތަކާ އެއްގޮތަށް މާލެ ސިޓީ ކައުންސިލުން މިއަދު ވަނީ މަސައްކަތްތަކެއް އެކްޓިވޭޓުކޮށްފައި ކަމަށެވެ.
އަދި އެ މަސައްކަތުގެ ތެރެއިން، މާލޭގައި މަދިރި އާލާވެ ގިނަވެދާނެކަމަށް ބަލާފައި މާދަމާ މަސައްކަތްތަކެއް ފަށާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.
"މަދިރި އާލާވެ ގިނަވެދާނެކަމަށް ބަލާފައި ފިއުމިގޭޝަން މާދަމާ ފަށާނެކަމަށް [ސިޓީ ކައުންސިލުން] ވިދާޅުވޭ. އަދި މަދިރި އާލާވާނެ ފަދަ ތަންތަނަށް އަޅަންޖެހޭ ބޭސް އެޅުމުގެ މަސައްކަތްވެސް އިރާދަކުރެއވިއްޔާ މާދަމާ ފެށޭނެކަމަށް ދަންނަވާ،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ވިއްސާރަ ދުވަސްވަރު މާލޭގެ މަގުތަކުގައި ފެން ހެދޭނެކަމަށް ބަލައި، އެކަން އެގޮތަށް ނުވާނެ ގޮތަށް ހެދުމަށްޓަކައި އިތުރު އުޅަނދު ނެރެގެން ފެން ޕަމްޕްކުރުމުގެ މަސައްކަތް ކުރުމަށް މާލެ ވޯޓާ އެންޑް ސުވަޜޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އާ ގުޅިގެން މަސައްކަތްކުރަން ސިޓީ ކައުންސިލުން މަޝްވަރާކުރަމުން ދާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
މި މަހު ރާއްޖެއަށް ހުޅަނގު މޫސުން ފަށައި، ވިއްސާރަކުރަން ފަށާފައިވާ އިރު މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ވަނީ މޫސުން ގޯސްވެދާނެކަމަށް ބަލައި ރާއްޖޭގެ ދެ ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފައެވެ.
މިއަދު މެންދުރު އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ޑޮކްޓަރު ޑރ. މޫސާ ހުސައިން ވިދާޅުވީ މި ދުވަސްވަރު އިންފްލުއެންޒާ އަދި އަރިދަފުސް ރޯގާ ފެތުރުމުގެ ފުރުސަތު ބޮޑު އިރު، އެ ބަލިތަކުގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކެއްސުމާއި ރޯގާޖެހި މޭގައި އަރިދަފުސް ހިފުމާއި އަދި ނޭވާ ކުރުވުމާއި ނޭވާލާން އުނދަގޫވުން ފަދަ ކަންކަމަކީ ކޮވިޑް19ގެ ވެސް އަލާމާތްތައް ކަމަށެވެ. އަދި އެފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް އެޗްޕީއޭއަށް ރިޕޯޓުކުރަން ޑޮކްޓަރު އެދިވަޑައިގަތެވެ.