ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު، އެކްޓަރު ރަގޫ ރާމް އޭނާގެ ދަރިފުޅުގެ ފޮޓޯ ފުރަތަމަ ފަހަރަށް އާންމުކޮށްފި އެވެ.

އިންސްޓަގްރާމްގައި ރަގޫ ހިއްސާކުރި ޕޯސްޓުގައި އޭނާ އާއި އޭނާގެ ދަރިފުޅުގެ ފޮޓޯ ވަނީ ދައްކާލައިފަ އެވެ. ރަގޫގެ އަންހެނުން ނަތާލީ ޑި ލޫސިއޯ ވިހެއީ މިދިޔަ ޖަނަވަރީ މަހުގެ ހަވަނަ ދުވަހު އެވެ. ނަތާލީ ފިރިހެން ކުއްޖެއް ވިހޭއިރު އެ ދަރިފުޅަށް ކީ ނަމަކީ ރިދަމް އެވެ. ރަގޫ ހިއްސާކުރި ފޮޓޯއަށް ގިނަ ލައިކްސް ލިބެމުން އަންނައިރު ގިނަ މީހުން އެ ފޮޓޯއަށް ކޮމެންޓްކުރަނީ ރިދަމް ވައްތަރީ ރަގޫ އާ ކިޔާފަ އެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ޑިސެމްބަރު މަހު ދެތަރިން ވަނީ ކައިވެނިކޮށްފަ އެވެ. ރަގޫ އާއި ނަތާލީ އެންގޭޖުވެފައި ވަނީ ދެމީހުން އެއްކޮށް ހަތަރު މަހަށް ވުރެ ގިނަ ދުވަސްވަންދެން އުޅެފައެވެ.

ރަގޫގެ އަންހެނުން ނަތާލީ އަކީ ކެނެޑާއަށް ނިސްބަތްވާ ލަވަކިޔުންތެރިއެކެވެ. މި ދަރިފުޅަކީ އެދެމަފިރިންގެ އަލަތު ދަރިފުޅެވެ.

ރަގޫ އަކީ ކުރިން އެމްޓީވީގެ ސުޕަވައިޒިން ޕްރޮޑިއުސަރެވެ. ގިނަ ފިލްމުތަކެއް ޕްރޮޑިއުސްކޮށްފައިވާ ރަގޫ އަކީ ކާމިޔާބު ފިލްމުތަކެއް އާންމުންނާ ހަމައަށް ގެނެސްދީފައިވާ ފަންނާނެކެވެ. އޭގެ ތެރޭގައި "ކްރޭޒީ ސްޓާ" އަދި "ލަވް ޔޫ ސޯނިޔޭ" ހިމެނެ އެވެ. ގިނަ ބަޔަކު ރަގޫ ސިފަކުރަނީ ވަރަށް ޒީލަގަދަ ރުޅިގަދަ މީހެއްގެ ގޮތުގަ އެވެ.