ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަލްމާން ޚާން އޭނާގެ އަމިއްލަ ޔޫޓިއުބް ޗެނަލް ލޯންޗްކޮށްފި އެވެ.

"ބިއިންގް ސަލްމާން ޚާން"ގެ ނަމުގައި ލޯންޗްކުރި އެ ޗެނަލް ސަލްމާން ލޯންޗްކުރީ ކޮރޯނާ އާއި ގުޅުވައިގެން ގެނެސްދިން ލަވަ "ޕިޔާރު ކަރޯނާ"އެވެ. އެ ލަވައަކީ ސަލްމާންގެ އަމިއްލަ އަޑުން ކިޔާފައިވާ ލަވައެކެވެ. ސާޖިދު-ވާޖިދު ލަވައިގެ މިއުޒިކް ތައްޔާރުކުރި އިރު އެ ލަވައިގެ ޅެން ހެދީ ހުސައިން ދަލާލް އާއި ސަލްމާން އެވެ.

މި ޗެނަލުގައި އޭނާގެ އަމިއްލަ ޕާސަނަލް ވާހަކަތައް ވެސް ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. ޔޫޓިއުބް އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ސަލްމާން އާއި އޭނާގެ ފޭނުންނާ ގާތް ގުޅުމެއް އުފެއްދުން ކަމަށާއި އެ ޗެނަލުގެ ސަބަބުން ގުޅުން ބަދަހިވެގެންދާނެ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ކާމިޔާބު ބަތަލު ސަލްމާންގެ ޔޫޓިއުބް ޗެނަލް ލޯންޗްކުރިއިރު ބޮލީވުޑްގެ ގިނަ ތަރިންނެއް އެމީހުންގެ އަމިއްލަ ޔޫޓިއުބް ޗެނަލް ހިންގަ އެވެ. އޭގެ ތެރޭގައި ކާތިކް އާރްޔަން، ދިޝާ ޕާޓްނީ އަދި ވަރުން ދަވަން ފަދަ ތަރިން ވެސް ހިމެނެ އެވެ.