މި ދުވަސްވަރު އިންފްލުއެންޒާ އިތުރުވުން އެކަށީގެންވާ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެސިސްޓަންސް ގްރޫޕުގެ މެމްބަރު ޑރ. މޫސާ ހުސެއިން ވިދާޅުވެއްޖެ އެވެ.

މިއަދދު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސާ ހުސެއިން ވިދާޅުވީ، މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރެއް ކަމުން މި ދުވަސްވަރު އިންފްލުއެންޒާއާއި އަރިދަފުސް ރޯގާ އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"މިއީ ވިއްސާރަ ދުވަސްވަރު ވީމަ ކޮވިޑްގެ އިތުރަށް ބައެއް ރެސްޕިރޭޓަރީ ރޯގާތައްވެސް އެބަ އާދޭ. އިންފްލުއެންޒާވެސް ފުދޭވަރަކަށް. އެހެންވީމަ ކޮވިޑްގެ އިތުރަށް އަރިދަފުސް ރޯގާއާއި އިންފްލުއެންޒާވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެއް،" ޑރ. މޫސާ ހުސެއިން ވިދާޅުވިއެވެ.

ރޯގާ ޖެހިގެން މޭގައި އަރިދަފުސް ހިފުން، ނޭވާލާން އުނދަގޫވުން، ނޭވާ ކުރުވުން އަދި ކެއްސުން ފަދަ ކަންކަން ދިމާވުމަކީ ކޮވިޑްގެ-19ގެ އަލާމާތްތައްކަން ޑރ. މޫސާ ފާހަގަކުރެއްވިއެވެ. އެފަދަ އަލާމާތްތައް ފެންނަ ނަމަ އެޗްޕީއޭގެ ހެލްޕްލައިންއަށް ގުޅައިގެން ރިޕޯޓު ކުރުމަށް އޭނާ އެދިވަޑައިގަތެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ވިއްސާރަ ދުވަސްވަރަށް ތައްޔާރުވުމުގެ ގޮތުން ހުރިހާ ސަރަހައްދުތަކަށް ތަންތަން ޑިސްއިންފެކްޓު ކުރުމަށް ބޭނުންކުރާ ކްލޮރިން ފޮނުވާފައިވާ ކަމަށެވެ. މިހާރުން މިހާރަށް ކްލޮރިން ކުރާ ހާލަތަށް ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، ބޭނުން ކުރަން ޖެހިއްޖެ ހާލަތަކަށް ބޭނުންވާ ވަރަށް ސްޓޮކް ހުންނާނެ ކަމަށް ވިދާޅުވިއެވެ.

"އަދި އެސްޓޭޖަކަށް ގޮސްފައި ނުވާތީ މިހާރުން މިހާރަށް ކްލޮރިން ކުރުމުގެ މަސައްކަތެއް ނެތް ފެށިފައެއް. ބޭނުންވާ ވަރަށް ކްލޮރިންގެ ސްޓޮކް ހުންނާނެ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ރާއްޖޭގެ ބައެއް ހިސާބުތަކަށް މި ދުވަސްވަރު ވިއްސާރަ ކުރަމުންދާތީ މެޓް އޮފީހުން ވަނީ މިރޭގެ 19:30 އިން ފެށިގެން 22:30ގެ ނިޔަލަށްއެ ސަރަހައްދުތަކަށް ޔެލޯ އެލާޓު ނެރެފައެވެ. ޔެލޯ އެލާޓު ނެރުނީ، ށ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށާއި ވ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށެވެ. މެޓް އޮފީހުން މިރޭ ބުނެފައިވަނީ އެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.