19 Dec 2011, 16:32
ޓެކްސް ނުދައްކާ ފަރާތްތަކަށް ދޭ އަދަބުތައް ލުއި ކުރުމަށް ފަހު ޓެކްސް ނެގުމާ ބެހޭ އިދާރީ ގަނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލަށް ހުށަހެޅި އިސްލާހުތަކުގެ ތެރެއިން ފާސްވި އިސްލާހްތަކާ އެކު ބިލު ފާސްކުރީ، ހާޒިރުވެ ތިއްބެވި 75 މެންބަރުންގެ ތެރެއިން 41 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް 17 މެންބަރުން ވޯޓު ދެއްވި އިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ 15 މެންބަރުން ތިއްބެވި އެވެ.
މި ބިލުގައި ޓެކްސް ނުދައްކާ ފަރާތްތަކާއި ޓެކުހަށް މަކަރު ހަދާ ފަރާތްތަކަށް ދޭން ހުށަހަޅާފައިވާ ޖަލުގެ އަދަބު، ގޭ ބަންދަށް ބަދަލުކުރުމަށް ވަނީ ފާސްކޮށްފަ އެވެ. އަދި އެފަދަ ފަރާތްތައް ޖޫރިމަނާ ކުޑަކުރުމަށް ކަނޑައަޅާފައިވާ އަދަދުތައް ވެސް ވަނީ ކުޑަކޮށްފަ އެވެ. އެގޮތުން ޓެކްސް ބަޔާން ހުށަނާޅައި ވޭތުވާ ކޮންމެ ދުވަހަކަށް ނުވަތަ ވިތުހޯލްޑިން ޓެކްސް ނުދައްކާ ވޭތުވާ ކޮންމެ ދުވަހަކަށް 500 އަށް ވުރެ ބޮޑު ނޫން އަދަދަކަށް ޖޫރިމަނާކުރުމަށް އޮއްވައި، އެ އަދަދު 100 ރުފިޔާ އަށް އަށް ކުޑަކުރުމަށް ހުށަހަޅައި ވަނީ ފާސްކޮށްފަ އެވެ.
އަދި ޓެކްސް ބަޔާން ހުށަނޭޅުމާއި މައުލޫމާތު ހުށަނޭޅުމުގެ ކުށެއްގެ މަދަނީ އަދަބެއްގެ ގޮތުގައި ފާސްކޮށްފައި ވަނީ ޓެކްސް ނެގޭ މުއްދަތުގައި ދައްކަން ޖެހޭ ފައިސާގެ ދެ ގުނައިން ޖޫރިމަނާކުރުމުގެ ބަދަލުގައި ޓެކުހުގެ ފައިސާގެ 05. ޕަސެންޓަށް ކުޑަކުރުމަށް ވަނީ ފާސްކޮށްފަ އެވެ. މީގެ އިތުރުން ދުވާލަކަށް އަރާ 500 ރުފިޔާގެ ޖޫރިމަނާގެ އަދަދު 50 ރުފިޔާއަށް ވުރެ ބޮޑުނުވާ އަދަދަކަށް ކުޑަ ކުރުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ. އަދި އަދަބު ބަޔާންކޮށްފައިނުވާ ކުށެއް ކޮށްފި ނަމަ ޖޫރިމަނާކުރުމަށް ހުށަހަޅާފައިވާ 50000 ރުފިޔާގެ ޖޫރިމަނާ 5000 ރުފިޔާ އަށް ކުޑަ ކުރުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.