ކޮރޯނާވައިރަސްގެ ކޭސްތަކާ ގުޅިގެން އިތުރު ފަސް ރަށަކަށް މޮނީޓަރިންގެ ހާލަތައް ގެނެސް، ވަގުތީ ގޮތުން އަރާފޭބުން މަނާކޮށްފިއެވެ.

މިއަދު ހަވީރު ދަރުބާރުގޭ، އެންއައިއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވަނީ އެރަށްތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

އަރާފޭބުން މަނާކުރި ފަސް ރަށް:

  1. ބ. ފުޅަނދޫ

  2. ދ. ކުޑަހުވަދޫ
  3. ތުޅާގިރި އައިލެންޑް ރިސޯޓް
  4. ކ. ތުލުސްދޫ
  5. ކ. ކުޑަ ވިލިނގިލި

މަބްރޫކު ވިދާޅުވީ، ކުރިން މޮނިޓަރިންގެ ހާލަތައް ގެނައި ބައެއް ރަށްތައް އާންމު ހާލަތައް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ތިން ރަށެއްގެ މިހާރު އާންމު ހާލަތައް ގެނެސްފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ. އެއީ ހދ. ނޮޅިވަރަމް، ރ. މުރަވަންދޫ އަދި ރ. ބޮޑުފުށި އެވެ.

އަދިވެސް މޮނީޓަރިންގެ ހާލަތުގައި އޮތް ރަށްތަށް:

  1. ކ. ގުރައިދޫ

  2. ހއ. މާރަންދޫ
  3. ހދ. ވައިކަރަދޫ
  4. ހދ. ހިރިމަރަދޫ
  5. ހއ. ހޯރަފުށި
  6. ހއ. ތަކަންދޫ
  7. ހއ. އިހަވަންދޫ
  8. ހއ. އުލިގަން
  9. ޖޯލި މޯލްޑިވް

މިއަދު އެކަނިވެސް 17 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި މިހާރު ފެނިފައިވާ ކޭސްތަކާ ގުޅިގެން 1،380 މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދާފައިވާ ކަމަށް މަބްރޫކު ހާމަ ކުރިއްވިއެވެ. އަދި 19 އިމާރާތް މޮނީޓަރުންގެ ހާލަތަށް ގެނެސްްފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން ފެނުނު ޖުމްލަ ކޭސްތަކުގެ އަދަދަކީ، 84 އެވެ. އޭގެ ތެރެއިން 16 މީހަކު ވަނީ ވައިރަހުން ރަނގަޅުވެފައެވެ.