21 Apr 2020, 19:27
ނޫސްވެރިކަމުގެ މިނިވަންކަމާއި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން އެކުލަވައިލި ޕްރެސް ފްރީޑަމް އިންޑެކްސްގައި، ރާއްޖެއަށް މިއަހަރު ވެސް ބޮޑު ކުރިއެރުމެއް ލިބިއްޖެ އެވެ.
ގާތްގަނޑަކަށް ނުވަ އަހަރަށް ފަހު ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާއަށް ކުރިއެރުމެއް އައިސްފައި ވަނީ މިދިޔަ އަހަރުގަ އެވެ. އެގޮތުން ރާއްޖެ 180 ވަނާގައި އޮތުމަށް ފަހު މިދިޔަ އަހަރު ވަނީ 98 ވަނައަށް އަރައިފަ އެެވެ.
އާރުއެސްއެފް އިން މި އަހަރު އިންޑެކްސްގައި ހާމަކުރި ގޮތުގައި ރާއްޖޭގެ ނޫސްވެރިކަން ވަނީ 19 ދަރަޖަ ކުރިއަށް ޖެހިފަ އެވެ. އެއާއެކު ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާ ވަނީ 98 އިން 79 އަށް އަރައިފަ އެވެ.
އާރުއެސްއެފް އިން އާންމުކޮށްފައިވާ ރިޕޯޓުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމާ އެކު ރާއްޖޭގެ ނޫސްވެރިކަން ކުރިއެރުމަށް އާ އުއްމީދުތަކެއް އުފެދިފައިވާ ކަމަށެވެ.
އެގޮތުން ނޫސްވެރިކަން މިނިވަން ކުރުމަށް ޓަކައި ރައީސް ސޯލިހުގެ ސަރުކާރުން ކުރައްވާނެ ކަންތައްތަކުގެ މައްޗަށް އެ ރިޕޯޓުގައި އަލިއަޅުވާލާފައިވެ އެވެ. އޭގެތެރޭގައި ޑިފެމޭޝަންގެ ބިލުގެ ވާހަކަ އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ ރިޕޯޓާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެއަށް އިތުރު ކުރިއެރުމެއް ލިބުމުން އެކަމާ ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށެވެ.
އަދި ރައީސް ސޯލިހުގެ ސަރުކާރުގައި ރާއްޖޭގެ ނޫސްވެރިކަމަށް ބޮޑެތި ކުރިއެރުން ފެނި ދުނިޔޭގައި ބަލައިގަންނަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އެގޮތުގައި ކުރިއަށް ދިޔުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.