މާލެއިން އިތުރު ދިވެއްސަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެއްޖެ އެވެ. މިއީ މާލެއިން ޕޮޒިޓިވްވި 17 ވަނަ މީހާ އެވެ.

މާލެއިން އިތުރު މީހަކު ޕޮސިޓިވްވިކަން ކަށަވަރުކޮށްދެއްވީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒް އެވެ. އޭނާ ވިދާޅުވި ގޮތުގައި ޕޮޒިޓިވްވި އެ މީހާ އަކީ ދިވެއްސެކެވެ.

ޕޮސިޓިވްވި ދިވެހި މީހާއަކީ އުލިގަމުން ކޮވިޑަށް ޕޮސިޓިވްވި މީހާއާގެ ޑައިރެކްޓް ކޮންޓެކްޓެއް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

މާލެއިން މިއަދު އެންމެ ފުރަތަމަ ޕޮޒިޓިވްވީ ދެ މީހުންނެވެ. އެއީ ކޭސް 68 އަދި ކޭސް 69 އެވެ. އެފަހުން މިިއަދު މެންދުރު 13 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެއީ ކޭސް 70 އިން ފެށިގެން ކޭސް 82އާ ހަމައަށެވެ. އެފަހުން އިތުރު މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެއީ ކޭސް 82 އެވެ.

އޭގެ އިތުރުން، އެހެން މީހަކު ޕޮޒިޓިވްވެފައި ވުމުން މިއަދު ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 17 އެވެ. މިހާރު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ 83 އަށް ވަނީ އަރައިފައެވެ.

މާލެއިން އެންމެ ފުރަތަމަ ކޮވިޑް-19އަށް މީހަކު ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެއާއެކު މާލެ ސަރަހައްދު ލޮކްޑައުންކޮށް 24 ގަޑިއިރުގެ ކާފިއު ހިންގަން ވަނީ ފަށައިފައެވެ.

އޭގެ އިތުރުން މުޅި ރާއްޖޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ. އަދި ޖަމާއަތުގައި ނަމާދު ކުރުން ވަނީ މަނާކޮށްފައެވެ.