19 Dec 2011, 16:19
މީޑިއާ ކައުންސިލުން ހުސްވެފައިވާ ދެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލުމުން، މުއްދަތު ހަމަވި އިރު ހުށަހަޅާފައި ވަނީ އެކޮމިޝަންގައި އާއްމުންގެ ފަރާތުން ކުރިމަތިލާ މެންބަރުގެ މަގާމަށް އެކަނި ކަމަށް ނޭޝަނަލް ސެންޓާ ފޯ ދަ އާޓްސް އެންޑް ޓޫރިޒަމް (އެންސީއޭ) އިން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެންސީއޭގެ އެސިސްޓެންޓް ޑިރެކްޓާ މުހައްމަދު އަބީރު އިސްމާއިލް މިއަދު ވިދާޅުވީ މީޑިއާ ކައުންސިލުން ހުސްވެފައިވާ ދެ މަގާމަށް ކުރި މަތިލުމަށް ހުޅުވާލި މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވި އިރު، ހުށަހަޅާފައި ވަނީ ހަމައެކަނި އެ ކައުންސިލްގައި އާއްމުންގެ ފަރާތުން ކަނޑައަޅާ މެންބަރުގެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅުއްވާފައިވާ ހަތް ފަރާތަކުން ކަމަށެވެ. އަދި މީޑިއާތަކުގެ ފަރާތުން ކަނޑައާޅާ މެންބަރުގެ މަގާމަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވުމުން އަލުން ޖެހޭނީ އެ މަގާމަށް އިންތިހާބު ކުރާނެ މީހަކު ކަނޑައެޅުމަށް އިޢުލާން ކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަބީރު ވިދާޅުވީ އެ ކައުސިލްގައި މީޑިއާގެ ފަރާތުން އިންތިހާބު ކުރާ މެންބަރުގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު މިހަފްތާ ތެރޭގައި އަލުން ހުޅުވާލޭނެ ކަމަށެވެ. ނަމަވެސް އާއްމުންގެ ފަރާތުން ކަނޑައަޅާ މެންބަރުގެ މަގާމަށް މީހަކު އިންތިހާބު ކުރުމަށް މިހާރު ހުށަހަޅާފައިވާ މީހުންގެ ނަންތައް ޝޯޓް ލިސްކޮށް، އެ މަގާމަށް މީހަކު އިންތިހާބު ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް އެ މީހުންގެ ނަންތައް އޭނާ ހާމައެއް ނުކުރި އެވެ.
"މިހާރު ހުށަހަޅާފައިވާ ހަތް ނަން ވެސް އެބަ ޖެހޭ އިންތިހާބަކަށް ދިއުމުގެ ކުރިން ދިރާސާ ކުރަން. އެމީހަކީ ގާނޫނީ ގޮތުން އެ ކައުންސިލްގެ މެންބަރަކަށް ވުމުގެ ގާބިލްކަން ހުރި މީހެއްތޯ ވެސް ބަލަން އެބަޖެހޭ. އެހެންވެ އެ މަސައްކަތް މިހާރު ކުރިއަށް ދަނީ،" އަބީރު ވިދާޅުވި އެވެ.
އެންސީއޭ އިން ބުނީ މީޑިއާ ކައުންސިލްގައި ހުސްވެފައިވާ ދެ މެންބަރުން ކަނޑައާޅާނީ އެންސީއޭ އިން ކަނޑައަޅާ ތަނެއްގައި ބާއްވާ ވޯޓަކުން ކަމަށެވެ.
މީޑިޔާ ކައުންސިލުން ހުސްވެފައިވާ ދެ މަގާމަކީ އެ ކައުންސިލުގައި ހިމެނިވަޑައިގެންނަވާ 15 މެންބަރުންގެ ތެރެއިން ހަވީރު ނޫހުގެ އަހުމަދު އަބްދުﷲ ސައީދާއި އަމިއްލަ މެންބަރު އަހުމަދު ފައިސަލް އެ ކައުންސިލުން އިސްތިޢުފާދެއްވުމާ ގުޅިގެން ހުސްވެފައިވާ ދެ މަގާމެވެ.
މީޑިއާ ކައުންސިލް އެކުލެވިގެން ވަނީ މީޑިއާތަކުން އިންތިހާބުކޮށްފައިވާ އަށް މެންބަރުންނާއި އަދި އާންމުންގެ ފަރާތުން ކަނޑައަޅާ ހަތް މެންބަރެއްގެ މައްޗަށެވެ.