ކޮރޯނާ އަށް ޕޮޒިޓިވްވީ އުމުރުން 80 އަހަރުގެ މީހާގެ ހާލު ސީރިއަސް ކަމަށް ޑޮކްޓަރުން ބުނެފިއެވެ.

ނެޝަަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު މޫސާ ހުސައިން ވިދާޅުވީ އުމުރުން 80 އަހަރުގެ މީހާ އަކީ ސްޓްރޯކެއް ޖެހުމުގެ ސަބަބުން ދެ އަހަރު ވަންދެން އެނދުމަތިކޮށްގެން ފަރުވާ ދެވިފައިވާ މީހެއް ކަމަށާއި އޭނާގެ އިތުރު ބަލިތައްވެސް އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެން އެންމެވެސްވެސް [ދެކެން ބޭނުންނުވި] ދުވަސް މިއަދު މި އައީ. ޑީއެޗް 11 ގައި މިވަގުތު 80 އަހަރުގެ ފިރިހެން ބޭފުޅެއް އެޑްމިޓް ވެފައި މިއޮތީ. ބަލި މީހާ އަކީ ދެ އަހަރު ވަންދެން ސްޓްރޯކެއްގެ ސަބަބުން އެނދުމަތި ވެފައިވާ މީހެއް،"

ޑރ މޫސަ ވިދާޅުވީ އޭނާގެ އިތުރު ބަލިތައްވެސް އެބަހުރި ކަމަށާއި އޭގެ ތެރޭގައި ހަކުރުބަލި، ލޭމައްޗަށް ދިޔުން، ކޮލެސްޓްރޯލް މަތިވުން، ކާއެއްޗެހި ނޭވާ ހޮޅިއަށް ގޮސްގެން ނިޔުމޮނިޔާ ޖެހިގެން ހޮސްޕިޓަލުގައިވެސް އެކިފަހަރުމަތިން އޭނާ އެޑްމިޓްކޮށްފައިވާނެ ކަމަށެވެ.

"80 އަހަރުގެ މީހަކަށްވެފައި އެކިކަހަލަ ބަލިތައް ތަހައްމަލު ކުރާ މީހަކަށް ވާތީވެ، މިކަހަލަ ބައްޔެއްގައި ވަރަށް ބޮޑަށް ހާލު ދަށްވެގެން ހިނގައިދާނެ މީހެއް ކަމަށް ބެލެވެނީ،" ޑރ. މޫސަ ވިދާޅުވިއެވެ.

ޑރ. ވިދާޅުވީ އޭނާ އެޑްމިޓްކުރި އިރު އޮކްސިޖަން ހުރީ 94 ޕަސެންޓުގައި ކަމަށާއި އެ އުމުރުގެ މީހެއްގެ އޮކްސިޖަން ނޯމަލްކޮށް ހުންނާނީ 98 ގައި ކަމަށެވެ.

"94 ވެސް އަޅުގަނޑުމެން މި ބުނަނީ އެއީ ވާނިން ސައިން އެކޭ. ބޮޑަށް ހާލަތު ގޯސްވެގެން ހިނގައިދާނެ އޭނާގެ،" ޑޮކްޓަރު ވިދާޅުވިއެވެ.

ދުވަސްވީ މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމުން ދޭހަވަނީ މާހައުލު ތެރޭގައި ބަލި ފެތުރިފައި އޮތްކަން ކަމަށާއި ދުވަސްވީ މީހުންގެ ފަރާތުން އަލާމާތްތައް ފެނިއްޖެނަމަ ވަރަށް ބޮޑަށް ބަލަންޖެހޭނެ ކަމަށެވެ.

"ބައެއް ކަހަލަ އަލާމާތްތަކަކީ ވޯނިން ސައިންސް. އެއީ ހުން އައިސްފައި، ކެއްސާފަ ނޭވާ ކުރުވެފަ، މިކަހަލަ ސައިންސް ހުންނަ ނަމަ އެޗްޕީއޭގެ ލަފާ ހޯދަންވާނެ،" ޑރ މޫސަ ވިދާޅުވިއެވެ.

މިފަދަ މީހުންގެ ކަންތައް ކޮށްދޭ މީހުންނަކީ، ބަލި މީހާ ކައިރިއަށްދާއިރު ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޑޮކްޓަރު އިލްތިމާސް ކުރެއްވިއެވެ. އެގޮތުން އަތްދޮވެ، މާސްކު ބޭނުންކުރުމަށް ޑޮކްޓަރު އިލްތިމާސް ކުރެއްވިއެވެ.

ރާއްޖެއިން މިހާތަނަށް ޖުމްލަ 83 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.