މާލެ ލޮކްޑައުން ކުރުމުގެ ސަބަބުން، މަގުމަތިވެ ދައުލަތުން ވަގުތީ ހިޔާގައި ބަލަހައްޓަމުން ދިޔަ ބަންގްލަދޭޝްގެ ތިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިއަދު ރާއްޖެއިން ފެނުނު ކޮވިޑްގެ ކޭސް 76، 77 އަދި 78 އަކީ އަންޑޮކިޔުމެންޓެޑް ބިދޭސިން ކަމަށާއި އެމީހުން ތިބީ ތާޖުއްދީން ސްކޫލުގައި ކަމަށެވެ.

"އެމީހުން މިއަދު ފުރަމް އޮތީ. އޭގެ ކުރިން އެމީހުންގެ ޓެސްޓު ކުރީ ބަލި ހުރިތޯ ބެލުމަށް. އެގޮތުން ޓެސްޓު ކުރުމުން ފާހަގަވި ތިން މީހުން ވަނީ،" ޑރ ވިދާޅުވިއެވެ.

މާލޭގައި އުޅޭ ބިދޭސިންގެ ތެރެއިން ތޮއްޖެހިފައިވާ ތަންތަނުގައި އުޅޭ މީހުންނާއި ބޯހިޔާވަހިކަމެއް ނެތްމީހުންނަށް ޖެންޑާ މިނިސްޓްރީ އިން ދަނީ ތާޖުއްދީން ސުކޫލުގައި ވަގުތީ ހިޔާވަހިކަން ފޯރުކޮށްދެމުންނެވެ. އަދި ބޯހިޔާވަހިކަމެއް ނެތް ދިވެހިންނަށް އިމާދުއްދީން ސުކޫލުގައި ދަނީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ.

މި ތިން މީހުންނަކީ މީގެ ކުރިން ޕޮޒިޓިވްވި މީހަކާ ގުޅުންހުރި ބަޔެއް ކަމެއް ޑރ. ވިދާޅެއް ނުވެއެވެ.

ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން 68 މީހަކު މިއަދު ވަނީ އެގައުމުގެ އަސްކަރީ މަތިންދާބޯޓެއްގައި ގައުމަށް ފުރައިފައެވެ. އޭގެ ތެރޭގައި އަންޑޮކިޔުމެންޓެޑް މީހުންވެސް ހިމެނެއެވެ. މި މީހުން ރާއްޖެއިން ފުރުވާލާފައިވަނީ ކޮވިޑަށް ޓެސްޓު ކުރުމަށްފަހުއެވެ.

މިހާތަނަށް ބަންގްލަދޭޝްގެ 24 މީހަކު ރާއްޖެއިން ޕޮޒިޓިވްވެފައިވާއިރު ރާއްޖެއިން ޖުމްލަ 83 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.