ކޮވިޑް 19 އަށް ޕޮސިޓިވްވި މީހުންގެ ތެރޭގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފްގެ) އޮފިސަރެއް ހިމެނޭ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ކޮވިޑް-19 ގެ ހާލަތާ ގުޅޭގޮތުން ބާއްވާ ސިލްސިލާ ނޫސްވެެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން އިތުރަށް ތަފްސީލު ދެއްވާ ވާހަކަދައްކަވަމުން ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ އެމްއެންޑީއެފްގެ ބޭފުޅެއް ޕޮޒިވްވި ކަން މިހާރު އެނގިފައިވާ ކަމަށެވެ.

އަދި އެ ބަލި އެމީހާއާ ހަމައަށް ދިޔަ ގޮތުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް މިހާރު ކުރިއަށް ދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"އަޅުގަނޑުމެނަށް އިރާދަކުރެއްވިއްޔާ އިނގޭނެ ބަލި ޖެހެން ދިމާވި ގޮތް، ކާކާ ބައްދަލުވެގެންތޯ،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ އެމްއެންޑީއެފްއިން އެ ވައިރަސް އަށް ޕޮޒިޓިވް ވީ ފްރަންޓްލައިންގައި މަސައްކަތް ކުރާ ބޭފުޅެއްތޯ ބަލާނެ ކަމަށެވެ.

އެމްއެންޑީއެފް އާއި ޕޮލިހުގައި އުޅޭ އަދި އައިޖީއެމްއެޗްގައި މަސައްކަތްކުރަމުން ގެންދާ ފަރާތްތަކުގެ ރައްކާތެރިކަމަށް ބޭނުންވާނެ ސާމާނު ކަށަވަރުކުރުމަށްޓަކައި އެތަކެތި ލިބެން ހުރި އެންމެ ގިނަ އަދަދަކަށް މިހާރު ގެނެސްފައިވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އޭގެއިތުރުން ފްރަންޓްލައިންގައި މަސައްކަތްކުރައްވަން ނިކުންނަވާ ފަރާތްތަކުން ވަކި އެކަމަޑޭޝަންއެއްގައި ތިބެވޭގޮތްވެސް އެ ބޭފުޅުންނަށް ހަމަޖައްސައިދީފައި އަޅުގަނޑުމެންގެ ފަރާތުން ހުރީ،" އޭނާ ވިދާޅުވިއެވެ.