އޮންލައިންކޮށް ވިޔަފާރި ކުރުމާއި ފައިސާ ފޮނުވުމުގައި އިތުރަށް ސަމާލުވާން ބޭންކް އޮފް މޯލްޑިވްސްއިން އެދިއްޖެ އެވެ.

ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށް، ފިހާރަތަކުގެ ހިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ގިނަ އަދަދެއްގެ ޕޭޖުތަކުން ދަނީ ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓުތައް ހިއްސާ ކުރަމުންނެވެ.

އޭގެ ތެރޭގައި އޮޅުވާލައިގެން އާންމުން އަތުން ފައިސާ ހޯދަން މަސައްކަތްކުރާ ޕޭޖުތައް ވެސް ހިމެނެ އެވެ.

"އަސާސީ ހިދުމަތްތައް ގެއަށް ޑެލިވާ ކޮށްދިނުމުގެ ނަމުގައި ހިންގާ އޮންލައިން ޕޭޖުތަކާއި ސޯޝަލް މީޑިއާގައި ޕޯސްޓުކުރާ ފަރާތްތަކަށް ފައިސާ ފޮނުމުގައި އިތުރަށް ސަމާލުވާން ދަންނަވަން. ކާބޯތަކެއްޗާއި އެހެނިހެން އަސާސީ ހިދުމަތްތަކަށް އޯޑަރު ދިނުމަށް ހަމައެކަނި ލިސްޓުކޮށްފައިވާ ވިޔަފާރިތަކުން އާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރައްވާ." ބީއެމްއެލްއިން އެދިފައިވެ އެވެ.

މާލެއިން ކޮވިޑް19އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން މާލެ، ވިލިމާލެ އަދި ހުޅުމާލެ ލޮކްޑައުން ކުރީ މި މަހުގެ 15 ވަނަ ދުވަހުގަ އެވެ.

ނަމަވެސް ލޮކްޑައުން ކުރުމުގެ ކުރިން މާލެ ސިޓީ ކައުންސިލުން ވަނީ ލޮކްޑައުން ކުރާ ހާލަތެއްގައި މާލެ ސަރަހައްދުގައި ޑެލިވަރީ ކޮށްދެވޭނެ ފިހާރަތަކުގެ ލިސްޓެއް އެއްކޮށްފަ އެވެ.

އެ ލިސްޓު މާލެ ސިޓީ ކައުންސިލްގެވެބްސައިޓުންބަލައިލެވޭނެ އެވެ.

ގިނަ އަދަދެއްގެ ފިހާރަތައް އެ ލިސްޓުގައި ހިމެނުނު ނަމަވެސް ޑެލިވަރީ ހިދުމަތަށް ނިކުންނަ މީހުން އަދި އިތުރު ފާހެއް ހޯދަން ޖެހޭ ގޮތަށް ކަމާބެހޭ ފަރާތްތަކުން ނިންމުމުން މާލެ ސަރަހައްދުގައި ޑެލިވަރީގެ ހިދުމަތްތަކަށް ވަނީ ބުރޫއަރާފަ އެވެ.

އެއާއެކު ޑެލިވަރީ ނުކުރެވި ހުރި އޯޑަރުތައް ގިނަވެ، ވިޔަފާރިތަކަށް ދަނީ ދަތިތަކެއް ކުރިމަތިވަމުންނެވެ.