19 Dec 2011, 16:05
ބޭންކް އޮފް މޯލްޑިވްސް ]ބީއެމްއެލް[ގެ އެކައުންޓަކުން 40،000ރ. މަދުވި މައްސަލަ އެއް ފެންމަތިވެއްޖެ އެވެ.
ވަގު ކޭޝް ކާޑު ބޭނުންކޮށްގެން ބީއެމްއެލްގެ އެކައުންޓުތަކުން ވައްކަން ކުރާ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދަނިކޮށް، ވަގު ކޭޝްކާޑެއް ބޭނުންކޮށްގެން މި ފަހަރު ވައްކަން ކޮށްފައި ވަނީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ރައިޒާ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ހުސެއިންގެ އެކައުންޓުންނެވެ.
އަހުމަދު ވިދާޅުވީ އޭނާގެ އެކައުންޓުން ފައިސާ މަދުވިކަން އެނގުނީ މި މަހުގެ ކުރީކޮޅު ބޭންކް ސްޓޭޓްމެންޓެއް ނެގުމުން ކަމަށާއި އަދި އޭނާގެ އެކައުންޓުން ފަސް މިނެޓްގެ ތެރޭ 40،000ރ. ނަގާފައިވާ ކަމަށެވެ.
"މި މަހު ކުރީ ކޮޅު ބޭންކުން ފައިސާ ކޮޅެއް ނަގަން ގޮސް ބެލި އިރު ގިނަ އަދަދަކަށް އެކައުންޓުން ފައިސާ މަދުވެފައި ހުރީމާ ސްޓޭޓްމަންޓެއް ނެގީ. އެއީ އެއް ދުވަހެއްގައި ފަސް މިނެޓް ތެރޭގައި ނަގާފައި ހުރި ފައިސާ. އޭގެ ކުރިން ގެއްލިފައި ވަނީ ކިހާވަރެއް ކަމެއް ނޭނގޭ،" އަހުމަދު ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ 40،000ރ. ނަގާފައި ވަނީ މަޖީދމަގުގައި ހުރި އޭޓީއެމްއަކުން ކަމަށެވެ. އަދި އެ މައްސަލަ ބީއެމްއެލް އަށް ހުށަހެޅުމުން ފައިސާ އަށް ބީއެމްއެލް އިން ޒިންމާނުވާ ކަމަށާއި އަދި އެއީ ޕިން ނަމްބަރު މީހަކަށް ދިނުމުން ކޮށްފައިވާ ކަމެއް ކަމަށް ބޭންކުން ބުނާ ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.
"އަޅުގަނޑު އަތުގައި ކާޑު އޮންނަކަން ވެސް ގިނަ މީހުންނަކަށް ނޭނގޭނެ. އަޅުގަނޑުގެ ޕިން ނަމްބަރު އެއްވެސް މީހަކަށް ނުދެން،" އަހުމަދު ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެކަން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލާގައި ބީއެމްއެލްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.