ކޮރޯނާވައިސް، ކޮވިޑް19 އަށް މިއަދު ޕޮޒިޓިވްވި 13 މީހުންގެ ތެރޭގައި 80 އަހަރުގެ ދިވެއްސަކު މީހަކު ހިމެނޭކަމަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކޮށްފި އެވެ.

އެޗްޕީއޭއިން މިއަދު ބުނީ އެ މީހާއަށް އިތުރު ފަރުވާ ދިނުމަށް، ކޮވިޑް-19ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ ހާއްސަ ވިންގަށް އެ މީހާ ބަދަލުކޮށްފައިވާ ކަމަށެވެ.

އެޗްޕީއޭ އިން ބުނީ ޕޮޒިޓިވްވި އަށް ދިވެހިންގެ ތެރޭގައި 80 އަހަރުގެ މީހަކު ހިމެނޭ ކަމަށެވެ. ނަމަވެސް އެއީ އަންހެނެއް ކަމެއް އަދި ފިރިހެނެއް ކަމެއް އެޗްޕީއޭ އިން ހާމަކޮށްފައެއް ނުވެ އެވެ.

މާލެ އިން ކޮވިޑް-19 އަށް މިއަދު ވަނީ 13 މީހަކު ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އަށް ދިވެއްސަކާއި ބަންގްލަދޭޝްގެ ފަސް މީހުންނެވެ.

އަށްޑިހަ އަހަރުގެ އެ މީހާ، ގާތުން މޮނިޓަރ ކުރުމުގެ ގޮތުން ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާއަށް ބަދަލުކޮށްފައިވާ ކަމަށް އެޗްޕީއޭ އިިން ވަނީ ބުނެފަ އެވެ.

ރާއްޖެއިން މިހާތަނަށް ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާބަނޑު އަންހެނަކާއި، ތިން ކުޑަކުދިންނާއި، 60 އަހަރުން މަތީގެ ދެމީހަކު ވެސް ހިމެނެ އެވެ. އެޗްޕީއޭއިން ބުނީ އެންމެންގެ ހާލުވެސް ސްޓޭބަލް ކަމަށެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 82 އަށް އަރާފައިވާއިރު ހަ ދުވަހު ތެރޭގައި މާލެ އިން އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 62 އަށް އަރާފަ އެވެ. އަށްޑިހަ އަހަރުގެ މީހާ ފިޔަވައި މާލެ އިން ޕޮޒިޓިވްވި އެންމެން ވެސް ތިބީ އައިސޮލޭސަން ފެސިލިޓީތަކުގަ އެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 16 މީހެކެވެ.

މިހާތަނަށް މާލެއިިން 33 ދިވެހިންނާއި، ބަންގްލަދޭޝްގެ 23 މީހުންނާއިި، އިންޑިއާގެ ހަ މީހަކަށް ވަނީ އެ ބަލި ޖެހިފަ އެވެ.