21 Apr 2020, 14:14
މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން، އޭގެ ކުރިން އެކި ބޭނުންތަކުގައި މާލެ އައިސް ނުފުރިފައި ތިބި މީހުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
ޖެންޑާ މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ މާލެ ފުރަބަންދުކުރުމާ ގުޅިގެން އެކި ބޭނުންތަކަށް މާލެ އައިސް، ހާލުގައި ޖެހިފައިވާ ބައެއް ފަރާތްތަކުން އެކަން ޖެންޑާއަށް ރިޕޯޓު ކުރަމުން އަންނަ ކަމަށެވެ.
މިހާތަނަށް ހާލުގައި ޖެހިގެން ރިޕޯޓުކޮށްފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމުތައް ފޯރުކޮށްދެމުން އަންނަ ކަމަށް ޖެންޑާއިން ބުންޏެވެ. އެގޮތުން މާލެ ސިޓީ ކައުންސިލްއަށް ހުށަހެޅިފައިވާ މި ފަދަ 400އަށް ވުރެ ގިނަ ފަރާތްތަކަށް މާލޭގައި ހުރެވޭނެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް ޓަކައި އެ ކައުންސިލްއާއެކު މިނިސްޓްރީން މަސައްކަތް ފަށާފައިވާ ކަމަށް ވެސް ބުންޏެވެ.
މި ފަދަ އެހީތެރިކަމެއް ބޭނުންވާ އިތުރު ފަރާތެއްގެ މައުލޫމާތު ލިބިފައިވާ ނަމަ ލަސްނުކޮށް މިނިސްޓްރީގެ ނަންބަރު 3328393 އާ ހިއްސާކުރުމަށް ވަނީ އެދިފައެވެ.
ރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު، މަބްރޫކް އަޒީޒް ވަނީ މާލޭގައި ތާށިވެ، ހާލުގައި ޖެހިފައި ތިބި ފަރާތްތަކަށް ސަރުކާރުން އެހީވާނެ ކަމަށް ވިދާޅުވެފަ އެވެ.
ހާލުގައި ޖެހިގެން ޖެންޑާއަށް މިހާތަނަށް ރިޕޯޓުކޮށްފައިވާ މީހުންގެ އަދަދެއް ހާމަކޮށްފައެއް ނުވެއެވެ.
ލޮކްޑައުންއާ ގުޅިގެން މަގުމަތިވި 80 އަށްވުރެ ގިނަ މީހުންނަށް ވެސް ޖެންޑާ އިން އަންނަނީ ކެއިންބުއިމާއި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ.