އެއާޕޯޓުން ފުރާ ކޮންމެ މީހެއްގެ އަތުން އެއާޕޯޓް ޑިވަލޮޕްމަންޓް ޗާޖު (އޭޑީސީ)ގެ ގޮތުގައި 25 ޑޮލަރު ނެގުމުގެ ކަންތައް ސަރުކާރުން ކުރިއަށް ގެންދަވާނެ ކަމަށާއި އެ ފީ ނެގޭނެ ގޮތެއް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހަމަޖެހިގެން ދާން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެއާޕޯޓުގައި އަލަށް ބިނާ ކުރާ ޓާމިނަލްގެ ބިންގާ އެޅުމަށް އެއާޕޯޓާ އެއްއިންވެގެން އަލަށް ހިއްކާ ބައިގައި މިއަދު ބޭއްވި "ގްރައުންޑް ބްރޭކިން" ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރަނގަޅު ފެންވަރުގެ އެއާޕޯޓެއް ތަރައްގީ ކުރުމަށް ފީ ނަގަން ޖެހޭ ކަމަށާއި އެއާޕޯޓު ތަރައްގީ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަނީ އޭޑީސީ އިން ލިބޭ ނަފާ އަކުން ކަމަށެވެ. އަދި ވިދާޅުވީ އެއާޕޯޓް ރަނގަޅު ފެންވަރަށް ޑިވަލޮޕްވުމާ އެކު އޭގެ އިން ސަރުކާރަށް ލިބޭ ނަފާ އެތައް ގުނައެއް އިތުރުވާނެ ކަމަށެވެ.

"އަޅުގަނޑުމެން 25 ޑޮލަރު މިނަގަނީ ރާއްޖެ އަންނަ ޓޫރިސްޓުންގެ އަތުން. އެ ފައިސާ އިން މި ރާއްޖޭގެ އެއާޕޯޓް ތަރައްގީކޮށް ހަދައި ނިންމުމަށް ސަރުކާރުން މި މަސައްކަތް ކުރަނީ. އިރާދަކުރެއްވިޔާ އެ މަގުން ސަރުކާރުން އެކަން ކުރިއަށް ގެންދާނެ. އަދި ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އުޖޫރަ، އެ ފައިސާ، އެފީ ނެގޭނެ ގޮތްތަކެއް ހަމަޖެހިގެން ދިޔުމަކީ ވެސް ކޮންމެހެން ބޭނުން ތެރި ކަމެއް،" ރައީސް ވިދާޅުވި އެވެ. "ދިވެހި ސަރުކާރާއި ދިވެހިންނަށް ލިބޭނެ މިންވަރަކީ ދަންނަވަންތޯ ރާއްޖޭން ބޭރަށްދާ ދެ ތިން ހާސް މީހަކު އެދޭ 25 ޑޮލަރަށް ވުރެ އެތައް ގުނަ އިތުރު އަދަދެއް. އެއާޕޯޓުން ފުރާ މީހުން 25 ޑޮލަރު ދައްކަން ޖެހުމުން ބައެއް ބޭފުޅުން އެކަމުގައި ކަންބޮޑުވުން ފާޅުކުރައްވާ،"

އެ ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އާބާދީގެ ނިސްބަތުން ބޭރަށް ދަތުރުކުރަނީ މަދު ބައެއް ކަމަށާއި ސިންގަޕޫރަށް ޗުއްޓީ ހޭދަކޮށްލަންދާ މީހަކަށް 25 ޑޮލަރު އެއާޕޯޓު ޑިވަލޮޕްކުރަން ދައްކަން ޖެހުމަކީ ބުރައަކަށް ނުވާނެ ކަމަށެވެ. އަދި ބޭސްފަރުވާ އަށް ސާކުގެ ގައުމުތަކަށްދާ އާދައިގެ މީހުންނަށް "ލުއިގޮތްތަކެއް" ހަމަޖައްސައިދޭން ޖެހޭނީ ސަރުކާރުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު އިއްޔެ ދިޔައިން ބަނދަރަށް. އަޅުގަނޑާ ދިމާވި މަޖޫރީންތަކަކާއި. އަޅުގަނޑު އެމީހުން ކައިރި އެހީން އެއާޕޯޓު ތަރައްގީ ކުރުމަށް 25 ޑޮލަރު ނެގިއްޔާ ކަންބޮޑުވާނެ ކަމެއްހޭ. އެތާކު ނެތް މިދިޔަ ފަސް އަހަރު ބޭރަށް ދިޔަ މީހަކު. މިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށް މަދުބައެއް ރާއްޖެ އިން ބޭރަށް ދަތުރުކުރަނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ. "ވީކެންޑަށް ]ހަފުތާ ބަންދަށް[ ސިންގަޕޫރަށްދާ މިހާ... އެރޭ ހަމަ ސިންގަޕޫރަށް 2500 ޑޮލަރު ހަރަދު އެބަ (ކޮށްލާ)، އެކަމާ ކަންބޮޑުވެލައްވައިގެން ކީއްވެ ބާއޭ އެ މިންވަރުން އެ އުޅުއްވަނީ އަޅުގަނޑު ހަމަ އަބަދު ވެސް ހިތަށް އަރާ. ފާގަތިކަމަށްބާއޭ ނޫނީ ރައްޔިތުންނަށް ބާއޭ،"

ޖީއެމްއާރު ގްރޫޕާއި އަދި މެލޭޝިޔާ އެއާޕޯޓްސްގެ އިސްވެރިން ބައިވެރިވެ އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެއާޕޯޓް ޑިވަލޮޕްވެގެން ދާނީ ފަސް މިލިއަން މީހުންނަށް އެއްވެސް ދަތިކަމެއް ނެތި އެއާޕޯޓުން ހިދުމަތްތައް ދެވޭ ގޮތަށް ކަމަށެވެ. އަދި ވިދާޅުވީ ގާނޫނާއި ގަވާއިދާ އެއްގޮތަށް އަންނަ ބޭރުގެ އިންވެސްޓަރުންގެ ކިބައިން ރާއްޖެ އަށް އެއްވެސް ގެއްލުމެއް އަދި ނުރައްކާ އެއްވެސް ނެތް ކަމަށެވެ.

"އަށާރަ ސަތޭކައިގެ އަހަރުތަކުގައި ރާއްޖެ އައި ވޯރާ ވިޔަފާރިވެރިންނާ އިންވެސްޓަރުންތަފާތު. އެއީ މުޅިން އެހެން ކަމެއް. އިސްތިއުމާރު ކުރުމުގެ އާދަ ނެތި ދިޔަތާ ކިތަންމެ ދުވަހެއް... ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ވިޔަފާރި ކުރުމަށް ރާއްޖެ އަށް އަންނަ ބައެއްގެ ސަބަބުން ލިބޭނެ ގެއްލުމެއް ނެތްކަން ކަށަވަރު،" ރައީސް ވިދާޅުވި އެވެ.

ޖީއެމްއާރަށް އެއާޕޯޓް 25 އަހަރަށް ކުއްޔަށް ދޫކުރުމުން ސަރުކާރަށް 2010 ވަނަ އަހަރު އެއް ބިލިއަން ރުފިޔާ ލިބުނު ކަމަށާއި އަދި މި އަހަރު 500 މިލިއަން ރުފިޔާ ސަރުކާރަށް ލިބުނު ކަމަށެވެ.

"އެއާޕޯޓް މިހިންގާ އުސޫލަށް ހިންގަން ފެށީމާ ސަރުކާރަށް އަދި ރައްޔިތުންނަށް އެހެންވީމާ ލިބެމުން އަންނަ މަންފާ އާއި ފައިދާ ނުހަނު ބޮޑު. ކުރިއަށް ވުރެ ތިންގުނަ ބޮޑު. 2010 ވަނަ އަހަރު އެއް ބިލިއަން ރުފިޔާ ޖީއެމްއާރުން ސަރުކާރަށް ދިން. 2011 ވަނަ އަހަރު 500 މިލިއަން ރުފިޔާ،"

ރައީސް ވިދާޅުވީ އެއާޕޯޓް އަމިއްލަ އަށް ތަރައްގީ ކުރަން ދަރަނި ނަގައިގެން އުޅެން މަސައްކަތް ކުރި ނަމަ ރާއްޖޭގެ އިގްތިސޯދު އޮންނާނީ މިހާރު ހަލާކުވެފައި ކަމަށެވެ.

"މިކަމަށް ބޭނުންވާ ފައިސާގެ މިންވަރަކީ، ކުޑަ މިންވަރެއް ނޫން. ސަރުކާރުގެ ބަޖެޓުން މިކަމަށް500 މިލިއަން ޑޮލަރު ނަގައިގެން ނުވަތަ ދަރަނިވެރިވެގެން މިކަން ކުރަން އުޅުނު ނަމަ، ރާއްޖޭގެ އިޤްތިޞާދު މިއަދު އޮންނާނީ މުޅިން ހަލާކުވެފައި،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑު 100 ޕަސެންޓް، ޖީއެމްއާރާ އެކު ވެސް އަދި އެހެން އިންވެސްޓަރުންނާ އެކު ވެސް ވެފައިވާ އެއްބަސްވުމަށް އެއްބާރުލުން ދޭނަން. އަދި އިހުތިރާމް ކުރާނަން."

މިއަދުގެ ރަސްމިއްޔާތުގައި ރައީސް ވަނީ އަލަށް އަޅާ ޓާމިނަލްގެ ބިންގާ ކޮނެދެއްވައިފަ އެވެ. ހެވީލޯޑާ ހަވާލުކޮށްގެން ހުޅުމާލޭގެ އިރުމަތީ ފަރާތާއި ދިމާލުން ހިއްކައިގެން އަލަށް އަޅާ ޓާމިނަލް ނިންމަން ހަމަޖައްސާފައި ވަނީ 2014 ވަނަ އަހަރުގެ މެދުތެރޭގަ އެވެ.