10:00


މިއަދަކީ ހަމައެކަނި އެމްޑީޕީގެ އަހަރީ ދުވަސް ނޫން ކަމަށާއި، މިއަދަކީ ވާދަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ އަމަލީ މަސައްކަތް ފެށިގެންދިޔަ ދުވަސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


މިއަދު ހެނދުނު އެމްޑީޕީގެ ހަރުގޭގައި އެޕާޓީގެ އަހަރީ ދުވަހާއި ގުޅުވައިގެން އޮތް ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމްޑީޕީ އަކީ މިޒަމާނުގެ ތާރީޚްގައި އުފެދުނު ފުރަތަމަ ސިޔާސީ ޕާޓީ ކަމަށް. އަދި ކުރީގެ ރައީސް މަރުހޫމް މުހަންމަދު އަމީންގެ ދުވަސްވަރު އުފައްދަވަން މަސައްކަތް ކުރެއްވި ސިޔާސީ ޕާޓީއާ ބެހޭ ގޮތުން ވެސް ރައީސް ވާހަކަފުޅު ދެއްކެވި އެވެ.


ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގައި މަލްޓި ޕާޓީ ސިޔާސީ ނިޒާމެއް ތަޢާރަފްކުރުމުގެ ގޮތުން އެމްޑީޕީ ވުޖޫދަށް ގެންނެވުމަށް އެމަނިކުފާނާއި އެމަނިކުފާނުގެ ބައިވެރިން ކުރެއްވި މަސައްކަތްޕުޅަށް ވަރަށް ތަފްސީލުކޮށް ބައްލަވާލެއްވި އެވެ.


ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ދިވެހި ސަރުކާރުގެ ޚަރަދުގައި އެއަރޕޯޓް ތަރައްޤީކުރުމަށް ބޮޑު އަދަދެއްގެ ލޯނު ނެގުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށާއި، ހުޅުލޭ އެއަރޕޯޓް ބޭރުބަޔަކާ ހަވާލުކުރުމުން ޤައުމުގެ ސިފަތަކަކަށް އަދި ޤައުމުގެ އިސްތިޤްލާލަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށެވެ.


އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ބޭރުގެ ފަރާތަކާ ހަވާލުކުރުމުން، އެ ވައިގެ ބަނދަރުން ސަރުކާރަށް މިހާރު ލިބޭ އާމްދަނީއަށްވުރެ އިތުރު އާމްދަނީ ސަރުކާރަށް ލިބިގެންދާނޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޚިދުމަތުގެ އަކަ އޭރިޔާ އާއި ބިން ބޮޑުކުރެވި ފަންނީ ވަސީލަތްތައް އިތުރުކުރެވުމުން ވަޒީފާގެ ފުރުސަތުތައް ވެސް އިތުރުވެގެންދާނެތީ، މިކަމުގެ ސަބަބުން ރާއްޖެއަށް އިތުރު ފައިދާތައް ލިބިގެންދާނެ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.


މިއަދު ހެނދުނު އެ ޕާޓީގެ ހަރުގެގައި އޮތް އެ ރަސްމިއްޔާތުގައި ދިދަ ނަންގަވައިދެއްވީ ރައީސް ނަޝީދެވެ. ދިދަ ނެންގުވުމަށްފަހު ޚާއްސަ ދުޢާއެއް ކުރުން އޮތެވެ. އެ ދުއާ ވިދާޅުވެދެއްވީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރު އަލްހާފިޒް އަހުމަދު ޒަކީ އެވެ.


އެމްޑީޕީގެ އަހަރީ ދުވަހާ ގުޅުވައިގެން ހުރިހާ ރަށެއްގައި ސަބްސިޑީ އަދި މަދަނާއާ ބެހޭ ގޮތުން އާންމުން ހެލުންތެރިކުރުވުމުގެ ގޮތުން މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެމްޑީޕީން ބުނީ އެ ޕާޓީގެ އަހަރީ ދުވަހާއި ގުޅުވައިގެން މިއަދު ބޭއްވުމަށް ހަމަޖެއްސި އާއިލީ ހަވީރު ވިއްސާރަ ވުމުގެ ސަބަބުން ކެންސަލްކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ޕާޓީގެ ހަރުގޭގައި ބާއްވާ ހަފްލާ ރޭވިފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށް އެމްޑީޕީން ބުންޏެވެ.