21 Apr 2020, 13:31
އާންމު ސިއްހަތުގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި، ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރަށްރަށުގައިި މީހުން އެއްވެ އުޅުން މަނާކުރުމުގެ ބާރު ލޯކަލް ކައުންސިލްތަކަށް ދީފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރޭ ވަނީ ކޮވިޑް-19 އާ ގުޅިގެން ލޯކަލް ކައުންސިލްތަކާ ހަވާލުކުރާ މަސައްކަތްތައް ބަޔާންކޮށް، އާންމުކޮށްފަ އެވެ.
ސިއްހީ ކުއްލި ނުރައްކަލުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން، ޒަރޫރީ ބޭނުމެއްގައި މެނުވީ އެއް ރަށުން އަނެއް ރަށަށް ދަތުރުފަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.
އަދި މި މަހުގެ 15 ވަނަ ދުވަހުގެ ފަހުން، މާލެ ސަރަހައްދުން ރަށްތަކަށް ގޮސްފައިވާ އެންމެން 14 ދުވަހަށް އެކަހެރިވާން ވެސް ވަނީ އަންގައިފަ އެވެ.
އެހެންކަމުން މާލެ، ހުޅުމާލެ، ވިލިމާލެ ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކާއި ސިޓީތަކުގައި އެ އެންގުންތައް ތަންފީޒުކުރުމަށް، ވަކި ގޮތަކަށް އަންގަންދެން، ލޯކަލް ކައުންސިލްތަކުން ފިޔަވަޅުތަކެއް އެޅުމަށް ރޭ ވަނީ އަންގައިފަ އެވެ.
އެގޮތުން ލޯކަލް ކައުންސިލްތަކުގެ އިހްތިސޯސް ހިނގާ ސަރަހައްދުތަކުގައި ކޮވިޑް19 ފެތުރުމުގެ ފުރުސަތު އޮތް މިންވަރާއި، ހާލަތަށް ރިއާޔަތްކޮށް، އެޗްޕީއޭއިން ކަނޑައަޅާ އުސޫލުތަކާ ހިލާފުނުވާ ގޮތެއްގެ މަތިން ލޯކަލް ކައުންސިލްތަކުގެ އިހްތިސޯސް ހިނގާ ސަރަހައްދުތަކުގައި އެއްވެ އުޅުން ހުއްޓުވުމަށާއި އިޖުތިމާއި ގައިދުރުކަން ގާއިމުކުުރުމަށް އަޅަންޖެހޭ އެޅުމަށް ވަނީ އަންގައިފައެވެ.
ހަމައެއާއެކު ލޯކަލް ކައުންސިލްތަކުގެ އިހްތިސޯސް ހިނގާ ސަރަހައްދުތަކުގައި ތިބި ބަޔަކު ކަރަންޓީނު ކުރަން ނުވަތަ އެކަހެރިކުރަން އެޗްޕީއޭއިން ނިންމައިިފިނަމަ، އެޗްޕީއޭއިން އެކަން އަންގާ ލިޔުންތައް ދޫކުރާނީ ވެސް ކައުންސިލްތަކުންނެވެ.
އަދި އެފަދަ މީހުން ކަރަންޓީނުން ދޫކޮށްލިކަން އަންގައި އެޗްޕީއޭ އިން ދޫކުރާ ލިޔުން ވެސް އެމީހުންނާ ހަވާލުކުރާނީ ކައުންސިލްތަކުންނެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ކައުންސިލްތަކަށް ޒިންމާތަކެއް ހަވާލުކޮށްފައި ވާއިރު، ބައެއް ރަށު ކައުުންސިލްތަކާއިި ސިޓީ ކައުންސިލްތަކުން އަންނަނީ، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަަށް ފިޔަވަޅުތައް އަޅަމުންނެވެ.
އެގޮތުން ބައެއް ރަށްރަށުގައި މީހުން އެއްވެ އުޅުމާއި، އާންމު ވިޔަފާރިތަކުން ޑެލިވަރީ ފިޔަވައި އިތުރު ހިދުމަތެއް ދިނުން ވެސް އަންނަނީ މަނާކުރަމުންނެވެ.