21 Apr 2020, 15:14
އެމެރިކާގެ ޖަލުތަކުގައި ކޮރޯނާ ވައިރަސް ފެތުރެން ފަށައިފިއެވެ.
އެމެރިކާގެ އޮހާޔޯ ސްޓޭޓްގެ ތިން ޖަލަކުން ކޮރޯނާ ވައިރަސްއަށް މީހުން ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 2000 އަށް ވުރެ މައްޗަށް ވަނީ އަރައިފައެވެ. އޭގެން އެއް ޖަލުން އެކަނިވެސް 1858 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.
އޮހާޔޯގެ ޑިޕާޓްމަންޓް އޮފް ރިހިބިލިޓޭޝަން އެންޑް ކަރެކްޝަންސް (އޯޑީއާރުސީ)އިން ބުނީ ޖަލުގައި ބަލި ފެތުރުން ހުއްޓުވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ބަލި ޖެހިފައިވާ މީހުން ވަކި ބަޔަކަށް ބަަދަލުކޮށް ޑިސްއިންފެކްޓްކޮށް ބަލި މީހުންނަށް ޒިޔާރަތްކުރުން ހުއްޓުވުން ހިމެނެއެވެ.
ނަމަވެސް އެ ފިޔަވަޅުތަކާއެކުވެސް އޮހާޔޯގެ މެރިއޮން ޖަލުން މިދިޔަ އާދިއްތަ ދުވަހު އެކަނިވެސް 700 މީހުން ޕޮޒިޓިވްވިއެވެ.
އޯޑީއާރުސީއިން ބުނީ ބަލި ޖެހިފައިވާ މީހުން ދެނެގަތުމަށް، ބަލީގެ އަލާމާތްތައް ނުފެންނަ މީހުންވެސް ޓެސްޓްކުރަމުންދާ ކަމަށެވެ. އޯޑީއާރުސީއިން ޓެސްޓްކޮށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ މަރުވެސްވެފައެވެ.
ކޮރޯނާ ފެތުރޭތީ އެމެރިކާގެ އިލިނޮއިސްގެ ކުކް ކައުންޓީ ޖެއިލްއިން ވަނީ ބައެއް ގައިދީން ދޫވެސްކޮށްލައިފައެވެ. އެގޮތުން އެޖަލުގައި ތިބި 10،000 ގައިދީންގެ ތެރެއިން މިހާރު ޖަލުގައި ތިބީ އެންމެ 4200 ގައިދީންނެވެ.
ކުކް ކައުންޓީ ޖަލުންބުނީ އެ ޖަލުގެ 191 ކަރެކްޝަނަލް އޮފިސަރުންވެސް ބައްޔަސް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ކޮރޯނާއާ ގުޅިގެން މީގެ ކުރިން ދުނިޔޭގެ އެހެން ގައުމުތަކުންވެސް ވަނީ ގިނަ އަދަދެއްގެ ކުށްވެރިން ޖަލުން ދޫކޮށްލައިފައެވެ.
އެމެރިކާއަކީ މިހާރު އެންމެ ބޮޑަށް ކޮރޯނާ ވައިރަސް ފެތުރެމުންދާ އެއްގައުމެވެ. އެގައުމުގެ އަށް ލައްކައެއްހާ މީހުންނަށް ބަލިޖެހުނުއިރު މިހާތަނަށް ޖެހުނުއިރު 42،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.