ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންގެ ތެރެއިން 68 މީހަކު އެނބުރި ގައުމަށް ފުރައިފި އެވެ. މި މީހުން ފުރާފައިވަނީ ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާކުދިން ގޮވައިގެން އިއްޔެ އެ ގައުމުން އައި އެއާފޯސް މަތިންދާބޯޓުގަ އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ވަނީ ރާއްޖޭގައި އުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން ސައްހަ ޕާސްޕޯޓު އޮތް މީހުންގެ ތެރެއިން އެނބުރި ގައުމަށްދާން ބޭނުންވާމީހުން ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަނުގައި ރެޖިސްޓްރީވާން އެދިފައެވެ.

މިއަދު އެނބުރި ގައުމަށް ފުރި ބަންގްލަދޭޝް މީހުންގެ ތެރޭގައި އިމިގްރޭޝަންގެ ޑިޓެންޝަނުގައި ތިބި 29 މީހަކުވެސް ހިމެނެއެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން ދިރިއުޅޭއިރު އަންޑޮކިޔުމެންޓެޑް، ނުވަތަ ސައްހަ ލިޔެކިޔުންތައް ނެތް މީހުންވެސް ގިނަ އަދަދަކަށް އުޅެއެވެ. މާލެއިން ކޮރޯނާގެ ގިނަ ކޭސްތަކެއް ފެނިފައިވާއިރު މީގެ ތެރޭގައި ބަންގަލަދޭޝްގެ މަސައްކަތްތެރިން ހިމެނެއެވެ.

ރާއްޖޭގެ އާބާދީގެ 25 ޕަސެންޓު ހިއްސާކުރަނީ ބިދޭސީ މަސައްކަތްތެރިން ކަމަށާއި އެ މީހުންގެ ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން ރާއްޖޭގައި ކޮވިޑް19 ފެތުރިއްޖެނަމަ ބަލީގެ ނުރައްކާ އެންމެ ބޮޑީ އެމީހުންނަށް ކަމަށް ހިއުމަން ރައިޓްސް ވޮޗް އިން ވަނީ ބުނެފައެވެ.

މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 82 އަށް އެރި އިރު މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 62 އަށް އަރައިފައެވެ. އަދި މާލެ އިން މިހާތަނަށް ވަނީ 23 ބަންގަލަދޭޝް މީހުން ޕޮޒިޓިވް ވެފައެވެ.