މާލެއިން ކޮރޯނާވައިރަސް ޖެހިފައިވާ އިތުރު އަށް ދިވެއްސަކާ އެކު، 13 މީހަކު އަނެއްކާ ވެސް މިއަދު ފެނިއްޖެ އެވެ.

އެޗްޕީއޭއިން ބުނީ، މިފަހަރު ބައްޔަށް ޕޮޒިޓިވްވެފައި ވަނީ، ބަންގްލަދޭޝްގެ ފަސް މީހުންނާއި އަށް ދިވެއްސެއް ކަމަށެވެ.

މި މީހުން އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އިތުރު ކޭސްތަކާ އެއްވެސް ގުޅުމެއް ވޭތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

މިއާ އެކު މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިވަނީ 62 އަށް އަރައިފަ އެވެ. އަދި ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު މިވަނީ 82 އަށް އަރައިފަ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 16 މީހެކެވެ.

މިހާތަނަށް މާލެއިިން 33 ދިވެހިންނާއި، ބަންގްލަދޭޝްގެ 23 މީހުންނާއިި، އިންޑިއާގެ ހަ މީހަކު ހިމެނެ އެވެ.

ޕޮޒިޓިވްވި ބިދޭސީންގެ ތެރޭގައި ލިލީ ސްޓޯރުގެ 13 ސްޓާފުންނާއި އިހުސާން ފިހާރައިގެ ދެ މުވައްޒަފުން ހިމެނެ އެވެ. މީގެ އިތުރުން ބީއެޗްއެމްގެ ޑެލިވަރީގައި މަސައްކަތް ކުރާ ދިވެއްސަކު ޕޮޒިޓިވް ވުމާގުޅިގެން އެ ފިހާރަ މިހާރު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.

ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާބަނޑު އަންހެނަކާއި، ތިން ކުޑަކުދިންނާއި، 60 އަހަރުން މަތީގެ ދެމީހަކު ވެސް ހިމެނެއެވެ. އެޗްޕީއޭއިން ބުނީ އެންމެންގެ ހާލުވެސް ސްޓޭބަލް ކަމަށެވެ.