19 Dec 2011, 15:50
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް ]އެޗްއާރުސީއެމް[ގެ ބަޖެޓުން 2010 ވަނަ އަހަރު ދައުލަތުގެ މާލިއްޔަތުގެ ގަވައިދާ ހިލާފަށް 133639ރ. ހަރުދުކޮށްފައިވާ ކަމަށް އޮޑީޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
މިއަދު އާއްމުރި އެޗްއާރުސީއެމްގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ޔޫއެންޑީޕީން ހިންގި "ކޮލެބްރޭޓިން ވިތު ސިވިލް ސޮސައިޓީ" ޕްރޮޖެކްޓަށް 127،939ރ. އަދި "ސްޓްރެންތެނިން ދަ އެޑްމިނިސްޓްރޭޓިވް ފާނިޝިން އޮފް ދަ ކޮމިޝަން" އަށް 5700ރ. އާ އެކު ޖުމްލަ 133،639ރ. އެޗްއާރުސީއެމުން ހަރަދުކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވައިދާ ހިލާފަށް ކަމަށެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެޗްއާރުސީއެމް އިން ގަވައިދާ ހިލާފަށް ހަރަދުކޮށްފައިވާ އެ ފައިސާ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހާ ހަމަ އަށް ވެސް ދައުލަތަށް އަނބުރާ ދައްކާފައެއް ނުވެ އެވެ.
އެ ފައިސާގެ މައްސަލައިގާ އެޗްއާރުސީއެމުން ބުނި ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ، މިހާރު އެ ފައިސާ ދައުލަތުގެ އާމްދަނީ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.
އޮޑިޓް ރިޕޯޓްގައި އަދި ބުނެފައި ވަނީ ކޮމިޝަންގެ ތިޖޫރީގައި ބަހައްޓާ ފައިސާ އާއި ނަގާ ފައިސާގެ ހިސާބުތައް އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައި ނުވާ ކަމަށެވެ.
ތިޖޫރީގައި ބަހައްޓާ ފައިސާގެ ހިސާބުތައް ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގައިވާ ގޮތުގެ މަތިން ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމަށް އޮޑިޓް އޮފީހުން ވަނީ ކޮމިޝަނަށް ލަފާދީފައިވާ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.
ތިޖޫރީގައި ބަހައްޓާ ފައިސާގެ ހިސާބުތައް ރަނގަޅަށް ބަލަހައްޓާފައި ނުވާ މައްސަލައިގާ އެޗްއާރުސީއެމުން ބުނި ކަމަށް އެރިޕޯޓްގައި ވަނީ "ތިޖޫރީގައި ބަހައްޓާ ފައިސާ ބެލެހެއްޓުމުގެ ނިޒާމް މި އަހަރުން ފެށިގެން އިސްލާހު ކުރާނެ ކަމަށާއި އެ މައްސަލަ އިތުރަށް ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަންދޭ" ކަމަށެވެ.
އެޗްއާރުސީއެމްގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި މީގެ އިތުރުން ވެސް ބައެއް ކަންތައްތައް ފާހަގަކޮށް އިސްލާހުކުރުމަށް ލަފާދީފައިވެ އެވެ.