21 Apr 2020, 12:43
ވޮޝިންޓަން (އޭޕްރިލް 21): އެމެރިކާއަށް މީހުން ހިޖުރަކުރުން ވަގުތީ ގޮތުން ހުއްޓުވަން ރިޔާސީ އަމުރެއް ނެރުއްވާނެ ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި އެ އަމުރު ކުރައްވަނީ ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ސަބަބުންނާއި އެމެރިކާގެ ރައްޔިތުންގެ ވަޒީފާތައް ރައްކާތެރިކުރުމަށްޓަކަ އެވެ.
"ނުފެންނަ ދުޝްމަނެއްގެ ހަމަލާގެ ސަބަބުންނާއި އެމެރިކާގެ ރައްޔިތުންގެ ވަޒީފާތައް ރައްކާތެރިކުރުމަށްޓަކައި، އެމެރިކާއަށް މީހުން ހިޖުރަކުރުން ވަގުތީ ގޮތުން ހުއްޓުވާ ރިޔާސީ އަމުރެއްގައި އަޅުގަނޑު ސޮއި ކުރާނަން،" ޓްރަމްޕް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.
ޓްރަމްޕްގެ އެ އަމުރުގެ ދަށުން ހުއްޓުވާނީ ކޮން އިމިގްރޭޝަން ޕްރޮގްރާމްތަކެއް ކަމެއް ރައީސް ވިދާޅުނުވެ އެވެ. އަދި އެ ޓުވީޓާ ބެހޭ ގޮތުން ވައިޓް ހައުސްއިން އިތުރު ތަފްސީލެއް ނުދެ އެވެ.
އެމެރިކާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ކަމަށް ބުނެ މީގެ ކުރިންވެސް އެގައުމުގެ ސަރުކާރުން ވަނީ ހިޖުރަވެރިން ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން މެކްސިކޯ އާއި ކެނެޑާއިން އެމެރިކާއަށް ވަންނަން މަސައްކަތް ކުރާ ހުރިހާ ހިޖުރަވެރިން އަނބުރާ ފޮނުވާލާނެ ކަމަށް މިދިޔަ މަހުގެ ފަހުކޮޅު ރައީސް ވިދާޅުވި އެވެ. ޓްރަމްޕް ގަބޫލު ކުރައްވާ ގޮތުގައި އެމެރިކާއަށް އެތެރެވާ ހިޖުރަވެރިންގެ ސަބަބުން އެގައުމުގެ ވައިރަހުގެ މައްސަލަ އިތުރަށް ގޯސްވާނެ އެވެ.
މީގެ އިތުރުން ޔޫރަޕާއި ޗައިނާއިން އެމެރިކާއަށް ދާ ބައެއް މީހުންނަށް އެގައުމަށް ނުވަދެވޭ ގޮތްވެސް ވަނީ ހަދާފަ އެވެ.
އެމެރިކާއަކީ މިހާރު ދުނިޔޭގައި ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމެވެ. އެގައުމުގައި 799،000އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 42،000 މީހަކު ވަނީ މަރުވެފަ އެވެ.
ކޮރޯނާވައިރަހުގެ ސަބަބުން އެމެރިކާގެ ޒަރޫރީ ނޫން ވިޔަފާރިތައް ބަންދު ކުރުމާ ގުޅިގެން އެގައުމުގެ އިގުތިސާދު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އަދި އޭގެ ސަބަބުން މިދިޔަ މަހު އެކަނިވެސް އެގައުމުގެ 22 މިލިއަނަށް ވުރެ ގިނަ މީހުންގެ ވަޒީފާ ވަނީ ގެއްލިފަ އެވެ.