21 Apr 2020, 10:56
ކޮވިޑް19 އަށް ޕޮޒިޓިވްވި މީހަކު ކުޅުދުއްފުށި ސިޓީގައި މަޑުކޮށް، އެ ސިޓީގެ ގިނަ އަދަދެއްގެ ބަޔަކާ ކޮންޓެކްޓުވެފައި ވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސިޓީ އެއްކޮށް ލޮކްޑައުން ކުރަން ނިންމައިިފި އެވެ.
މިއަދު މެންދުރު 12 އިން ފެށިގެން، 72 ގަޑިއިރަށް ކުޅުދުއްފުށި ސިޓީ ލޮކްޑައުން ކުރަން ނިންމީ އެރަށު ކޮވިޑް ޓާސްކް ފޯހުންނެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން މިއަދު "ސަން" އަށް ވިދާޅުވީ ހއ. އުލިގަމުން ބައްޔަށް ޕޮޒިޓިވްވި މީހާ ކުޅުދުއްފުށީގައި ގިނަ އިރުތަކެއް ވަންދެން މަޑުކޮށްފައި ހުރި ކަމަށާއި، އެވަގުތުގައި އެރަށުގެ ގިނަ ބަޔަކާ ބައްދަލުވެފައިވާ ކަަމަށެެވެ.
"އެހެންވީމަ އަޅުގަނޑުމެންނަށް ބެލެވެނީ މިރަށުގައި ވެސް ބަލި އުޅުން ވަރަށް ގާތް ކަމަށް،" ލަތީފް ވިދާޅުވި އެވެ.
އުލިގަމުން މީހަކު ކޮރޯނާ އަށް ޕޮޒިޓިވް ވުމާ ގުޅިގެން އެރަށް އޮތީ ލޮކްޑައުން ކޮށްފައެވެ. އުލިގަމުން ޕޮޒިޓިވްވި މީހާގެ 131 ކޮންޓެކްޓުން ހޯދިފައިވާކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެވެ.
އޭނާއަކީ މި މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރި ކަނޑުބޯޓެއްގައި އުލަގަމަށް ދިޔަ މީހެކެވެ. އޭނާ ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން، އުލިގަމާއެކު އެ ބޯޓުން މީހުން ފޭބި ރަށްތައް ވެސް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.
ލަތީފް ވިދާޅުވީ މާލޭގައި ކޮވިޑް19 ފެތުރެން ފެށި ފަހުން ވެސް މާލެއިން އެ ސިޓީއަށް ގިނަ އަދަދެއްގެ ބަޔަކު ދަތުރުކޮށްފައިިވާ ކަަމަށެވެ. އެހެންކަމުން މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން، އެ ސިޓީއަށް ދަތުރުކޮށްފައިވާ ފަރާތްތަކުން ގެއިން ނުކުތުން ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ.
އެހެންކަމުން ރަށުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މިވަގުތު އެޅެން އޮތް އެންމެ ރައްކާތެރި ފިޔަވަޅަކީ ރަށް ލޮކްޑައުން ކުރުން ކަމަށް ޓާސްކްފޯހަށް ގަބޫލުކުރެވޭ ކަމަށެވެ.
މިއީ ރާއްޖޭގެ ރަށެއްގައި ހަރަކާތްތެރިިވާ ޓާސްކް ފޯހަކުން ރަށެއް ލޮކްޑައުން ކުރަން ނިންމި ފުރަތަމަ ފަހަރެވެ.
ލޮކްޑައުންގެ ހާލަތުގައި އެރަށު ފިހާރަތަކުން އާންމުންނަށް ޑެލިވަރީގެ ހިދުމަތް ދިނުމުގެ ހުއްދަ ދޫކުރަމުން އަންނަ ކަމަށާއި، ޒަރޫރީ ކަމެއްގައި މެނުވީ ގެއިން ބޭރަށް ނުނުކުތުމަށް މިހާރު ވެސް އިރުޝާދު ދެމުން އަންނަ ކަމަށް ލަތީފް ވިދާޅުވިއެވެ.
އަދި ޒަރޫރީ ކަންކަމުގައި ކުޅުދުއްފުށްޓަށް އަންނަން ޖެހޭ ފަރާތްތަކަށް ރަށަށް އެރުމުގެ ހުއްދަ ވެސް ދޭނެއެވެ. އެގޮތުން ލޭ އަޅަން އަންނަ ފަރާތްތަކާއި ޑަޔަލިސަސް ހަދަންޖެހޭ ފަރާތްތަކަށް ކުޅުދުއްފުށީ ސިޓީއަށް އަރައިފޭބޭނެއެވެ.
ލަތީފް ވިދާޅުވީ ލޮކްޑައުން ކުރުމުން ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވާނެކަން އެނގޭ ކަމަށާއި އެހެން ނަމަވެސް މިއީ ހުރިހާ ރައްޔިތުންގެ ރައްކާތެެރިކަމަށް އެޅަން ޖެހޭ ފިޔަވަޅެއް ކަމަށެވެ.
"އަޅުގަނޑު އެދެނީ ހުރިހާ ރައްޔިތުންް ވެސް ކެތްތެރިވުން. ރައްޔިތުންގެ އެއްބާރުލުން މިކަމުގައި ބޭނުން،" ލަތީފް ވިދާޅުވިއެވެ.
މިހާތަނަށް މާލެއިން ބަލި ޖެހިފައިވާ 49 މީހަކު ފެނިފައި ވާއިރު، އެ އަދަދު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވަމުން އަންނާނެ ކަމަށް ޑޮކްޓަރުން ވަނީ ލަފާކޮށްފައެވެ.