21 Apr 2020, 11:08
ރިޔާޒް (އޭޕްރިލް 21): ކުރިއަށް އޮތް ރޯދަމަހު މައްކާ އާއި މަދީނާގެ ދެ ހަރަމްފުޅުގައި ބާއްވާ ކުރު ތަރާވީހުގައި ބައިވެރިވެވޭނީ ހަމައެކަނި މުވައްޒަފުންނަށް ކަމަށް ސައުދީ އަރަބިއްޔާއިން އަންގައިފި އެވެ.
ސައުދީން އެފަދައިން އަންގާފައި ވަނީ ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ކޮންޓްރޯލް ނުވާ ނަމަ އެގައުމުގައި ރޯދަމަހު ހުރިހާ ނަމާދެއްވެސް ކުރާނީ ގޭގައި ކަމަށް ސައުދީ އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަބްދުއްލަތީފް ބިން އަބްދުލް އަޒީޒް ވިދާޅުވި ފަހުންނެވެ.
ދެ ހަރަމްފުޅުގެ ޕްރެޒިޑެންޓް އޮފް ޖެނެރަލް އެފެއާޒް ޝޭހް އަބްދުއްރަހްމާން ސުދައިސްއާ ހަވާލާދީ ހަރަމައިން ޓުވިޓާ އެކައުންޓުގައިވާ ގޮތުގައި އަންނަ ރޯދަ މަހު ދެ ހަރަމްފުޅުގައި ކުރާނީ 10 ރަކުއަތުގެ ތަރާވީހެވެ.
މީގެ އިތުރުން މިފަހަރު ދެ ހަރަމްފުޅުގައި ރޯދަ ވީއްލުން ބޭއްވުމުގެ ބަދަލުގައި، ދެ މިސްކިތުގެ ފަރާތުން މައްކާ އާއި މަދީނާގައި ރޯދަ ވީއްލަން ކާނާ ބަހަން ވަނީ ނިންމާފަ އެވެ. އަދި އިއުތިކާފުވެސް ވަނީ ކެންސަލްކޮށްފަ އެވެ.
ހަރަމައިންގެ ޓުވީޓުގައިވާ ގޮތުން ކުރިއަށް އޮތްތަނުގައި ހަރަމްފުޅަށް ވަންނަ މުވައްޒަފުންނާއި ހަރަމްފުޅުގައި ބާއްވާ ކަށު ނަމާދުގައި ބައިވެރިވާ މީހުންގެ ބަލި ހުރިތޯ މިސްކިތަށް ވަނުމުގެ ކުރިން ބަލާނެ އެވެ.
ސައުދީގައި މިހާތަނަށް 10،400އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 103 މީހަކު ވަނީ މަރުވެފަ އެވެ. އެގައުމުގައި ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން ދެ ހަރަމްފުޅުގައި ނަމާދު ކުރުން މަނާކޮށް، އެގައުމުގައި މުއްދަތެއް ނެތް ގޮތަށް ވަނީ ކާފިއު އިއުލާންކޮށްފަ އެވެ. އެގޮތުން ވެރިރަށް ރިޔާޒް އާއި އެހެނިހެން ބޮޑެތި ސިޓީތަކުގައި ވަނީ 24 ގަޑި އިރަށް ކާފިއު އިއުލާންކޮށްފަ އެވެ. އަދި އެހެން ސަރަހައްދުތަކުގައި މެންދުރު 15:00އިން ފެށިގެން، ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 6:00އަށް ކާފިއު ހިންގާފަ އެވެ. އެގަވާއިދުތަކާ ހިލާފުވާ މީހުން ޖޫރިމަނާކޮށް، ޖަލަށް ލާނެ ކަމުގެ އިންޒާރު ސައުދީން ވަނީ ދީފަ އެވެ.
މީގެ އިތުރުން ސައުދީން ވަނީ އުމްރާ ކުރުން ހުއްޓާލާ، ބަލިމަޑުކަމާ ބެހޭ ގޮތުން އިތުރު މައުލޫމާތު ލިބެންދެން ހައްޖު ތައްޔާރީތައް މަޑު ޖައްސާލަން އެދިފަ އެވެ.