21 Apr 2020, 09:43
ކޮވިޑް19 ގެ އަސަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދާތީ، ބ. އޭދަފުށީގައި ރޯގާ ފެތުރުން ކޮންޓްރޯލް ކުރުމަށާއި ރަށު ރައްޔިތުންގެ ރައްކާތެރިކަމަށް، އެރަށުގައި މީހުން ތަންތަނަށް އެއްވެ އުޅުން މަނާކުރަން ނިންމައިފި އެވެ.
އޭދަފުށީ ކޮވިޑް ޓާސްކްފޯހުން އިއްޔެ ނިންމާފައި ވަނީ، ގިނަ ބަޔަކު އެއްވެ އުޅޭގޮތަށް މަގުފަހިވާ ކަންކަން އިއްޔެ އިރުއޮއްސި 18:00 ން ފެށިގެން ހުއްޓާލުމަށެވެ.
އެގޮތުން ސައިހޮޓާ، ރެސްޓޯރަންޓު ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ވަކި މުއްދަތެއް ނެތް ގޮތަށް ޑެލިވަރީގެ ހިދުމަތް ދިނުން ފިޔަވަައި އެނޫން ގޮތަކަށް ތަންތަނުގެ އެތެރޭގައި ހިދުމަތް ދިނުން މެދުކަނޑާލަން ވަނީ އަންގައިފައެވެ.
އަދި ގެތަކަށް ގަންނަން ޖެހޭ ތަކެތި ގަންނަން ފިހާރަތަކަށް ދިއުމުގެ ބަދަލުގައި، ޑެލިވަރީގެ ހިދުމަތް ލިބިގަތުމަށް ވެސް ވަނީ އަންގައިފައެވެ.
އޭދަފުށީގައި ހުރި ބޯކޮށާ ތަންތަން ވަކި މުއްދަތެއް ނެތް ގޮތަށް ބަންދު ކުރުމަށާއި، އާންމު ތަންތަނުގައި ބަހައްޓާފައި ހުންނަ ޖޯލިފަތި ތަކުގައި މީހުން އެއްވެ ތިބުމަކީ ވެސް މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ.
ހަމައެއާއެކު ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުދިއުމަށާއި، ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި ވެސް ބޭރަށް ނުކުންނަން ޖެހޭ މީހާ ނޫން އިތުރު މީހަކު ބޭރަށް ނުނުކުމެ ގޭގައި މަޑުކުރަން ވަނީ އަންގައިފައެވެ.
އޭދަފުށީ ކައުންސިލުން ބުނެފައި ވަނީ މަސްވެރިކަމަށް ނުކުންނަ އުޅަނދުތަކުން ފުރަންވާނީ ސޯޝަލް ސަޕޯޓު ޑެސްކަށް އެކަން އެނގުމަށްފަހުގައި ކަމަށެވެ.
ކައުންސިލުން ބުނީ ރޯގާގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ، އެ ރަށުގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ފްލޫ ކްލިނިކަށް ގުޅައި (6608309) މައުލޫމާތު ހިއްސާ ކުރުމަށެވެ.
މާލެއިން މިހާތަނަށް 49 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވާއިރު، މާލެ އޮތީ ނުރައްކާތެރި ހާލަތެއްގައި ކަަމަށް ކަނޑައަޅައި، އެލާޓް ލެވެލް ވަނީ ރަތަށް މަތިކޮށްފައެވެ.
އަދި މުޖުތަމައުގައި ބަލި ފެތުރެމުން އަންނާތީ ރާއްޖޭގެ ހުރިހާ ރަށަކުން މީހުން އަރާ ފޭބުން މަނާކޮށް، ވަރުގަދަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ.