މި މަހު 26ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 2012 ވަނަ އަހަރުގެ ބަޖެޓަށް ވޯޓަށް އައްސަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާޙިދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ޝާޙިދު ވިދާޅުވީ ބަޖެޓް ކޮމިޓީގެ މަސައްކަތް ނިމިފައިވާ ކަމަށާއި ކޮމިޓީން އެކުލަވާލި ރިޕޯޓް މިއަދު މެންދުރު ފަހު އޭނާ އަށް އަރުވާނެ ކަމަށް ބަޖެޓް ކޮމިޓީގެ މުގައްރިރު މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ ރިޕޯޓް މެންބަރުންނަށް ފޮނުއްވުމުގެ މަސައްކަތް މިރެއާ އެކު ކުރިއަށް ގެންދަވައި ރިޕޯޓަށް އިސްލާހު ހުށަހެޅުއްވުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މެންބަރުންނަށް ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ބަޖެޓު ބަހުސްގެ ފަހު މަރުހަލާ ފަށާނީ އަންނަ އާދިއްތަ ދުވަހު ކަމަށް ވެސް ޝާޙިދު ވިދާޅުވި އެވެ.

ޝާޙިދު ވިދާޅުވީ ބަޖެޓަށް ވޯޓުދޭ ދުވަހު އެކަމަށް ކަނޑައަޅާ ގަނޑި އިއުލާން ކުރައްވާނެ ކަމަށެވެ.

"ބަޖެޓަށް އިސްލާހް ހުށަހެޅުމުގެ ފުރުސަތު އެރުވުމަށް ފަހު 25 ވާ އާދިއްތަ ދުވަހުގެ ހެނދުނު މަސައްކަތް ފަށާނީ އިސްލާހުތައް ހުށަހެޅުމާއި ބަޖެޓަށް ބަހުސް ކުރުމުގެ ފަހު މަރުހަލާ. މިދިޔަ ފަހަރެކޭ ވެސް އެއްގޮތަށް ކޮންމެ މެންބަރަކަށް ފަސް މިނިޓްގެ ފުރުސަތު ބަހުސްގެ ފަހު މަރުހަލާގައި ލިބިވަޑައިގަންނަވާނެ. ބަޖެޓަށް ވޯޓަށް ދެންނެވުން އޮންނާނީ 26 ވަނަ ދުވަހު. ބަޖެޓަށް ވޯޓަށް ދެންނެވުމަށް ވަކި ގަޑިއެއް ކަނޑައަޅައި އިއްލާން ކުރާނަން،" ޝާހިދު ވިދާޅުވި އެވެ.