21 Apr 2020, 08:32
"މިރޭ ދިލްބަހާރު މަގު މައްޗަން ގޯޅީ ސަހަރާ ކައިރީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ދަބަސްތައް ހިފައިގެން މަގުމަތީ ތިބިތަން ފެނިގެން ސުވާލުކޮށްލީމާ ގިސްލަމުން ބުނީ ކުލި ނުދެއްކިގެން ގެއިން ނެރެފައިވާ ކަމަށް. ދާނެ އެހެން ގެއެއް ހުރިތޯ ސުވާލުކޮށްލީމާ ބުނީ މާފަންނު ގެއެއްގައި ދައްތައެއް ހުންނަ ކަމަށް. ނަމަވެސް އެގެއަށް ދިޔަސް ނުވައްދާނެ ކަމަށް ދައްތަ ބުނި ކަމަށާއި މިހާރު ގުޅުމުން ފޯނުވެސް ނުނަގާ ކަމަށް. އެންމެ ފަހުން ފުލުހުންގެ ބެލުމުގެ ދަށުން އިމާދުއްދީން ސުކޫލަށް ދެކުދިން ގެންދިޔައީ." މިއީ ރޭ މީހަކު ސޯޝިއަލް މީޑިއާގައި ލިޔެފައިވާ ޕޯސްޓެކެވެ.
ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ އިގްތިސާދީ ހާލަތާއި ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލި އާމްދަނީ ލިބޭނެ މަގު ބަންދުވެ ގިނަ ބަޔަކު ވަނީ ގޮތް ހުސްވެފަ އެވެ. މާލޭގައި ބޮޑު ކުލީގައި ދިރިއުޅޭ ފަރާތްތައް ކުލި ނުދެއްކޭ ހިސާބަށް ވަނީ ކަންކަން ގޮސްފަ އެވެ. އެކަމުގެ ސަބަބުން ގޭގެ ވެރިން އެމީހުން ގޭން ނެރޭ ކަމުގެ ޝަކުވާތައް އެބަޮތެވެ.
އެމައްސަލަ ބޮޑުވެގެން އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ފެމިލީ ލީގަލް ކްލިނިކުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ސިޓީއެއްވެސް ފޮނުވާފަ އެވެ. އެ ސިޓީގައި އެ ޖަމިއްޔާއިން އެދިފައި ވަނީ ދިމާވެފައިވާ މިހާލަތުގައި ކުލި ނުދެއްކުނު ކަމުގައި ވިޔަސް ގެއިން ނުނެރެވޭނެ ގޮތަކަށް ވަގުތީ ގާނޫނެއް ހަދައި ދިނުމަށެވެ.

އޭޕްރީލް 19، 2020: މާލޭ މަގުމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ކުއްޔަށް ދިރުއުޅެމުން ދާ ތަންތަނުގެ ކުލި ނުދެއްކުމުގެ ސަބަބުން އާއިލާތައް ގެއިން ނުކުތުމަށް ގޭގޭގެ ވެރިފަރާތްތަކުން މަޖުބޫރު ކުރުވަމުން ދާ ކަމަށް ފެމިލީ ލީގަލް ކްލިނިކުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީގައި ސާފުކޮށް ތަފްސީލްކޮށްދީފައިވެ އެވެ. އެ ސިޓީގައި ބުނެފައިވާ ގޮތުގައި ކުލި ދެއްކޭނެ ގޮތެއް ނެތިފައި ވުމުން ގޭގެ ވެރިފަރާތުގެ ބަހުގެ ހަމަލާތަކުން ދުރުހެލިވުމަށް ޓަކައި ދިރިއުޅޭ ކޮޓަރިތަކުން ނުނިކުމެ ބަންދު ހާލަތުގައި ގިނަ ދުވަސްތަކެއް ވޭތުކުރަން ގިނަ ބަޔަކަށް ޖެހިފައިވާ ކަމަށެވެ.
"މި މައްސަލައަށް ހައްލެއް ހޯދައިދެވޭނެ ފަރާތަކީ ދިވެހި ދައުލަތް ކަމުގައި މި ޖަމިއްޔާއިން ފާހަގަ ކުރަމެވެ. މިގޮތުން މި މައްސަލަ ހައްލުކޮށްދެވުމަށް ދައުލަތުން ފިޔަވަޅެއް ނާޅުއްވައިފި ނަމަ ކުލި ނުދައްކައިގެން ގެއިން ނުކުންނަން ޖެހުމުގެ ސަބަބުން ގިނަ އާއިލާތަކެއް ހާލުގައި ޖެހި ކޮވިޑް-19 އިތުރަށް މުޖުތަމައުގައި ފެތުރިގެން ހިގައިދާނެ ކަމުގެ ބިރު އެބައޮތް." ފެމިލީ އެންޑް ލީގަލް ކްލިނިކުން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
މީގެ މަހެއްހާ ދުވަސް ކުރިން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވެސް ފާހަގަ ކުރެއްވި ފަދައިން އެ ސިޓީގައި ވެސް ބުނަނީ، ގިނަ ބަޔަކު މިވަނީ މަގުމަތިވާން ޖެހިފައި ކަމަށެވެ. ކުލި ނުދެއްކޭ ހާލަތަށް ދިއުމުން ގެއިން ނެރުނު ނަމަވެސް މާލެ ލޮކްޑައުންގެ ހާލަތަށް ގޮސްފައިވާތީ ރަށަށްވެސް ދެވޭނެ ގޮތެއް ނެތެވެ. އެދުވަހު އީސަ ވިދާޅުވީ ހާލުގައި ޖެހި މަގުމަތި ވުމުގެ ކުރިން ރަށަށް ދިރިއުޅުން ބަދަލު ކުރުމަށެވެ.

ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ މަޖިލިސް އިދާރާ
މީހުން ގެއިން ނެރޭ މައްސަލާގައި ގިނަ ބަޔަކު ކަންބޮޑުވެފައި ވާއިރު މިހާރު އުފެދޭ ސުވާލަކީ ދެން ހައްލަކީ ކޮބާ ހެއްޔެވެ؟ މިވަގުތު ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟
އެކަމާ ބެހޭ ގޮތުން ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މެމްބަރުން އެކި ވިސްނުންތައް ނެރުއްވި އެވެ. ހުރިހާ މެމްބަރުންވެސް އިއްތިފާގުވާ ކަމެއް އެބަ އޮތެވެ. އެއީ މިދަނޑުވަޅުގައި ކުލި ނުދެއްކުނަސް ގެއިން ނުނެރެވޭނެ ގޮތަށް ސަންސެޓް ގާނޫނެއް ވުޖޫދުކުރުވުމެވެ.
ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ ސަންސެޓް ގާނޫނެއް ހަދާނަމަ ކުއްޔަށް ދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތަށްވެސް ރައްކާތެރިކަން ދޭން ޖެހޭނެ ކަމަށެވެ. މިހާލަތުގައި ދިރިއުޅޭ ތަނުން ކުލި ނުދެއްކުމުން ނެރުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް ނާޒިމް ކޮމިޓީގައި ވިދާޅުވި އެވެ.
"ކުއްޔަށް ދޭ ފަރާތުންވެސް އެ ދީފަ ހުންނަނީ މުހުތާދުތަކެއް ފުއްދަން. އެހެންވީމަ ދެފަރާތުގެ އެ އޮންނަ އަންޑަސްޓޭންޑިންގްއެއްގެ ތެރޭގައި މިކަން ކުރެވެން ޖެހޭނި. އަދި ގާނޫނަކުން މިކަން ކުރި ކަމުގައި ވިޔަސް ދެފަރާތުގެ ހައްގުތައް އެންމެ އެކަށީގެންވާގޮތަށް ބައިންޑް ކުރެވޭ ގޮތަށް މެނުވީ ގާނޫނެއް ހެދިގެން ނުވާނެ. އެހެން ނޫން ކަމަށް ވަންޏާ ކުއްޔަށް ދީގެން އާމްދަނީ ހޯދަމުންދާ ފަރާތްތަކަށް ވަރަށް ބޮޑު ގެއްލުމަކަށް ވެގެން ދާނެ." ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވި އެވެ.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ މިވަގުތަކީ އެންމެންވެސް އިހުސާންތެރިކަން ދައްކަންވީ ވަގުތު ކަމަށެވެ. އަދި މި ވަގުތު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދަންވީ ވަގުތު ނޫން ކަމަށް އިންތި ވިދާޅުވި އެވެ. އަދި ކުލި ނުދެއްކުމުގެ ސަބަބުން މިވަގުތު އުޅޭ ތަނުން ނެރެން މަޖުބޫރިކުރުވުމަކީ، ވަރަށް އަނިޔާވެރި ކަމެއްގެ ގޮތުގައި އިންތި ފާހަގަ ކުރެއްވި އެވެ. އަދި ސަންސެޓް ގާނޫނަކުން އެކަން ހުއްޓުވުމަށް އިންތިވެސް ތާއީދު ކުރެއްވި އެވެ.
ޖޫން 22، 2019: ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ބައެއް ގައުމުތަކުގައި ކޮވިޑް-19 އާ ގުޅިގެން ކުލި ނުދެއްކޭ ފަރާތްތައް ގެއިން ނުނެރެވޭ ގޮތަށް ގާނޫނު ހަދާފައިވާކަން ފާހަގަކޮށް އިންތި ވިދާޅުވީ އެއީ ރާއްޖޭގައިވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި އެކަން ކުރާއިރު މިހާރު ނުދެއްކޭ ކުލި ފަހުން ދައްކަން ޖެހޭ ގޮތަށް ގާނޫނުގައި ހިމެނިދާނެ ކަމަށް އިންތި ވިދާޅުވި އެވެ.
"ވަރަށް އިހުސާންތެރި ގޮތަކަށް ވަރަށް ބޮޑަށް ރަހުމު ހުރި ގޮތަކަށް އަޅުގަނޑުމެން މިދަނޑިވަޅުގައި އަމަލުކޮށް. ތި ވިދާޅުވި ދެރަ ހާލަތަށް އެޑްރެސް ކުރަން އަޅުގަނޑުމެން ކޮންމެހެން އެބަޖެހޭ." އިމްތިޔާޒު ފަހުމީ ވިދާޅުވި އެވެ.
މަޖިލީހުގެ ކޮމިޓީގައި އެވާހަކަ ދެއްކީ މިމަހުގެ 18 ވަނަ ދުވަހު އެވެ. އަދި ސަންސެޓް ގާނޫނެއް ހަދާވާހަކައާ ހައްލު ހޯދާނެ ވާހަކަވެސް ދެއްކީ އެދުވަހު އެވެ.
މިހާރުވެސް މީހުން މަގުމަތިވަމުންދާ އިރު އެ ގާނޫނު މަޖިލީހަށް ހެދިގެން އެކަމަށް ހައްލެއް ހޯދޭނީ ކޮންއިރަކުތޯ އެއީ ހާލުގައި އުޅެން ޖެހިފައިވާ މީހުން ކުރާ ސުވާލެކެވެ. އެކަމަށް ދެމަސް ތިން މަސް ނަގާނެ ތޯވެސް އެއީ ސުވާލެކެވެ.
ކަމަކީ އެމަޖެންސީ ހައްލެއް ބޭނުންވާ ކަމަކަށް ވާތީ ރެއާ ދުވާލު މަޖިލިސް ބާއްވައިގެން ނަމަވެސް އެކަން ކުރަން ޖެހެ އެވެ. މަގުމަތިވާން ޖެހިފައިވާ މީހުންނަށް ގާނޫނަކުން ހައްލު ހޯދައި ދިނުމަކީ މަޖިލިސް މެމްބަރުންގެ ކޮނޑުގައި މިވަނީ އެޅިފަ އެވެ.