ގައުމަށް ދިމާވާ ބޮޑެތި ކާރިސާތަކުގައި މީގެ ކުރިންވެސް ދިވެހިންގެ އެއްބައިވަންތަކަން ދައްކާފައިވާ އިރު މިހާރު މިއޮތީ އަނެއްކާ ވެސް އެދަނޑިވަޅު އައިސް އެންމެން އެކައްޗަށް ކިޔައި އެއްގަލަކަށް އަރަން ވެފަ އެވެ. އެކަމަކު އެހެން ފަހަރުތަކާ ޙިލާފަށް މިފަހަރު އެންމެން އެކައްޗެއް ކިޔައި ގޭގައި ތިބެންވީ އެވެ.

ކޮރޯނާ ވައިރަހުގެ ކޭސްތައް ދުވަހަކުން ދުވަހަށް ރާއްޖޭގައި އިތުރުވަމުން އަންނަ އިރު މުޅި ރާއްޖެ މިވަގުތު މިއޮތީ ލޮކްޑައުން ހާލަތެއްގަ އެވެ. އެންމެން ގޭގައި ތިބުމަށް ސިއްހީ މާހިރުން ލަފާ ދެމުން އަންނަ އިރު އެންމެ ދަތިކަމަކަށް ވެފައި ވަނީ ގޭގައި އެކަށީގެންވާ ވަރަށް ކާއެއްޗެހި ނެތުމާއި ޒަރޫރީ އެހެނިހެން ބޭނުންތަކަށް ބޭނުންވާ ސާމާނު ގޭގޭގައި ނެތުމެވެ.

ދެލައްކައެއްހާ މީހުން ދިރިއުޅޭ މާލެއަށް ބަލާލި ކަމުގައި ވިޔަސް އިވެމުންދަނީ ޑެލިވަރީތައް ލަސްވެ މީހުން މަގުތަކަށް ނިކުންނަން ޖެހިފައިވާ އަޑުތަކެވެ. ފިހާރަތައް ހުރި ނަމަވެސް މާލޭގެ އެތައް ހާސް ގޭބިސީތަކަށް ހިދުމަށް ފޯރުކޮށް ދެވޭނެ ގޮތެއް ނެތުމުން އެންމެ ފަހުން ވޮލަންޓިއަރުން އެކަމަށް ނުކުންނަން ޖެހުނީ އެވެ.

ހީކުރި ގޮތާއި ޙިލާފަށް ކުޑަ އިރަކޮޅެއްގެ ތެރޭގައި މާލޭގައި ޑެލިވަރީ ކޮށްދިނުމަށް ގިނަ އަދަދެއްގެ ވޮލަންޓިއަރުން ވެއްޖެ އެވެ. މީގެ ތެރޭގައި ކުޅިވަރު ތަރިންނާއީ މިއުޒިކީ ފަންނާނުން ވެސް ހިމެނޭ އިރު ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވެސް ހިމެނި ވަޑައިގަތެވެ.

ރާއްޖޭގައި ކުޅިވަރުގެ ހުރިހާ ހަރަކާތެއް ވެސް ހުއްޓާލާފައި އޮންނަތާ ދުވަސްގަނޑެއް ވެފައިވާ އިރު ގައުމީ ޓީމުތަކާއި ކުޅިވަރު ކުލަބުގެ ހިންގުންތައް ވެސް އޮތީ މެދުކެނޑިފަ އެވެ. އެހެން ކަމުން އެ ކުޅުންތެރިން މިދުވަސްވަރު ކުރާނެ މާބޮޑު ކަމެއް ނެތް ނަމަވެސް ގައުމީ ހިދުމަތަށް ތާއަބަދު ތައްޔާރަށް ތިބިކަން ދަނޑު ބޭރުން ވެސް ދަނީ ދައްކަމުންނެވެ.

އެގޮތުން ގައުމީ ވޮލީ ކުޅުންތެރިޔާ އާދަމް ފައިރޫޝް ވެސް އަންނަނީ މާލޭގެ ގެތަކަށް ތަކެތި ޑެލިވަރީ ކޮށްދިނުމުގައި ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.

އަދި އެހެންމެ ރާއްޖޭގައި މިވަގުތު ހުރި އެންމެ އުންމީދީ ފުޓުބޯޅަ ތަރި އިބްރާހިމް ވަހީދު ހަސަން ވެސް ހދ. ނޮޅިވަރަންފަރު ރައްޔިތުންނަށް އެހީވުމުގެ ގޮތުން ގޭގެއަށް ކާޑު އުފުލުމުގައި މަސައްކަތް ކުރާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައޮ އާއްމު ވެފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ފެޝަން ޑިޒައިނަރު އަދި ލަވަތަކާއި ފިލްމްތަކުން ވެސް ފެންނަ ހުނަވެރި ޖާދުﷲ އިސްމާއިލް (ޖާދު) ވެސް އަންނަނީ މާލޭގައި ވޮލަންޓްރީކޮށް ޑެލިވަރީގެ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގައި މިހާތަނަށް 69 މީހަކަށް ވައިރަސް ޖެހިފައިވާ އިރު 16 މީހަކު ވަނީ މިބަލުން ރަނގަޅުވެފަ އެވެ.