މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުން އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ފަސް ފުރެކްއެންސީއެއް ބީލަމަށް ހުޅުވާލެވޭތޯ ބަލަމުން އަންނަ ކަމަށް އެކޮމިޝަނުން ބުނެފި އެވެ.

މުޅި ރާއްޖޭގައި ބްރޯޑްކާސްޓްކުރުމަށް އަންނަ އަހަރަށް ބީލަމަށް ހުޅުވާލާނެ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ]އެމްބީސީ[ އިން ބުނެފައި ވަނީ ޓެރިސްޓްރިއަލް ޓީވީގެ ތިން ފްރިކުއެންސީ އިތުރުން އެފްއެމް ރޭޑިއޯ ދެ ފްރިކުއެންސީ އެވެ.

ބްރޯޑް ކާސްޓީން ކޮމިޝަނުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޓީވީ އަދި ރޭޑިއޯ ފްރީކުއެންސީ ބީލަމަށް ހުޅުވާލާމުގެ ކުރިން، ކަމާ ގުޅޭ ގޮތުން ހަދަން ޖެހޭ ގަވައިދުތައް ނިންމުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށެވެ.

"ފްރިކުއެންސީ ގަވައިދާއި ބްރޯޑްކާސްޓްކުރުމުގެ ގަވައިދާއި ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާއި އޭގެ ތެރޭގައި ހިމެނޭ އެހެނިހެން މިންގަނޑުތަކަށް ޚިޔާލު ހުށަހެޅުމަށް އާންމުކޮށް ހުޅުވާލުމުން ލިބިފައިވާ ޚިޔާލުތައް، ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީގައި ދިރާސާކުރުމާއި އެ ގަވައިދުތަކަށް ގާނޫނީ ލަފާ ހޯދުމުގެ މަސައްކަތް ވެސް ވަރަށް ބާރަށް ދަނީ ކުރިއަށް،" ބަޔާނުގައިވެ އެވެ.

އެކޮމިޝަނުން ބުނީ ގަވައިދު ނިމުނުހާ އަވަހަކަށް ގަވައިދުތައް އާންމުކުރުމަށް ފަހު، ފްރިކުއެންސީގެ ބީލަން ހުޅުވާލާ ގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށާއި ފްރިކުއެންސީގެ ބީލަން ފޮތް ތައްޔާރުކުރުމުގެ މަސައްކަތުގެ ވެސް ބޮޑު ބައި މިހާރު ނިމިފައިވާ ކަމަށެވެ.

އެމްބީސީ އިން ކުރިން ބުނެފައި ވަނީ ޓެރިސްޓީރިއަލް ރައިޓް ދޭ އިރު ހިދުމަތުގައި ދެމިތިބި ފަރާތްތަކަށް އިސްކަންދޭނެ ކަމަށެވެ.