21 Apr 2020, 00:48
ކޮވިޑް-19 އަށް އިތުރު ދިވެއްސަކާއި ބިދޭސީއަކު މާލެއިން ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭ އިން މިރޭ ކުރި ޓްވީޓެއްގައި ބުނީ، ޕޮޒިޓިވްވި ދެމީހުންގެ ތެރޭގައި (ކޭސް68، ކޭސް69) ހިމެނެނީ ދިވެއްސަކާއި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށެވެ.
އެ ދެމީހުން މިހާރު އައިސޮލޭޝަން ފެސިލީޓީއަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާއިރު، އެ ދެމީހުންނަށް ވައިރަސް ޖެހުނު ގޮތެއް އަދި ނުހޯދެއެވެ. އެޗްޕީއޭ އިން ބުނީ، އެ ދެމީހުން ގުޅެނީ ކޮން ކޭސްއަކާތޯ މިހާރު ބަލަމުންދާ ކަމަށެވެ.
މި ދެކޭސްއާއެކު މިއަދު އެކަނި މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 17 އަށް އަރާފައެވެ. އިއްޔެވެސް 17 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، މާލެއިން ކޭސްތައް ފެންނަން ފެށި ފަހުން މިހާތަނަށް ފެނުނު ކޭސްތަކުގެ އަދަދު ވަނީ 49 އަކަށް އަރާފައެވެ. މުޅި ޖުމްލަ މިހާތަނަށް ރާއްޖެއިން 69 މީހަކަށް ވައިރަސް ޖެހި، 16 މީހަކު ވަނީ ވައިރަހުން ރަނގަޅުވެފައެވެ. ރާއްޖޭގައި އެކްޓިވް ކޭސް ނުވަތަ ފަރުވާ ދެމުންދާ ކޭސްތަކުގެ އަދަދަކީ، މިހާރު 51 އެވެ. ބާކީ ދެ ކޭސްއަކީ، ރާއްޖެއިން ފުރައިގެން ދިޔަ ފަހުން ޕޮޒިޓިވްވިކަން އެނގުނު ދެ ފަތުރުވެރިންނެވެ.
މާލެއިން އެންމެ ފުރަތަމަ ކޭސް އެއް މިދިޔަ ބުދަ ދުވަހު ފެނުނު އިރު، އެ ކޭސްތަކުގައި ތިން ކްލާސްޓާއަކާއި މިރޭ ފެނުނު ކޭސްތަކާއެކު ވާނުވާ ނޭނގޭ ނުވަ ކޭސް އެބަ އުޅެއެވެ.