މިއަދު މާލޭ ސަރަހައްދުގެ މަގުތަކަށް ފުލުހުންގެ ހުއްދައާ ނުލައި ނުކުމެ އުޅުނު 68 މީހަކު ޖޫރިމަނާކޮށްފި އެވެ.

މާލެއިން ކޮވިޑް-19 ވައިރަސް ފެނުމާއެކު މިހާރު މުޅި މާލޭ ސަރަހައްދު ވަނީ ލޮކްޑައުންކޮށްފައެވެ. މީސް މީހުންނަށް ގެއިން ބޭރަށް ނުކުމެ އުޅެވޭނީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށެވެ. އެއީވެސް ފުލުހުންގެ ހާއްސަ ހުއްދައެއް ހޯދައިގެންނެވެ.

ހުއްދައާ ނުލައި މަގުމަތީގައި އުޅޭ މީހުން ޖޫރިމަނާކުރުމުގެ އިތުރުން ހައްޔަރު ކުރާނެ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މިރޭ ބުނީ، ހުއްދައާ ނުލައި މަގުމަތީގައި އުޅެގެން 68 މީހަކު މިއަދު ޖޫރިމަނާ ކުރި ކަމަށެވެ. އިއްޔެ މަގުމައްޗަށް ނުކުމެގެން ޖޫރިމާނާ ކުރި މީހުންގެ އަދަދަކީ 78 އަށެކެވެ.

އޭގެ އިތުރުން މިއަދު މަގުމަތީގައި އުޅުނު ތިން މީހަކު ހައްޔަރު ކުރި ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ހައްޔަރު ކުރަނީ ކުށް ތަކުރާރު ކުރާ މީހުންނެވެ.

މިއަދު އެކަނި ފުލުހުން ވަނީ މާލޭ ސަރަހައްދުގައި ތަކެތި ޑެލިވާ ކުރުމަށް ދޫކުރާ 215 ސްޓިކާ ދޫކޮށްފައެވެ. މިހާރު ދޫކޮށްފައިވާ ސްޓިކާގެ ޖުމްލަ އަދަދަކީ 3687 އެވެ.

މާލޭ ސަރަހައްދު ލޮކްޑައުންކޮށްފައިވާއިރު، ބަލި ފެތުރިޔަނުދިނުމަށް މުޅި ރާއްޖޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުުރުންވެސް އެޗްޕީއޭއިން ވަނީ މަނާކޮށްފައެވެ. އަދި މުޅި ރާއްޖޭގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަންވެސް ވަނީ އަންގައިފައެވެ.