ކޮރޯނާވައިރަސް، ކޮވިޑް-19 އަށް މީގެ ކުރިން ޕޮޒިޓިވް މީހެއްގެ ގޮތުގައި "ޕޭޝަންޓް 26" ކަނޑައަޅާފައިވީ ނަމަވެސް އެއީ، "ޕްރޮބަބަލް ކޭސް"އެއް ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ޕްރޮބަބަލް ކޭސްއަކީ، ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮތުމެވެެ.

ކޭސް26ގެ ފުރަތަމަ ޓެސްޓް ޕޮޒިޓިވްވެ، ދެވަނަ އަދި ތިން ވަނަ ފަހަރު ވެސް ޓެސްޓު ވަނީ ނެގެޓިވްވެފައިވާ ކަމަށް މިރޭ ބޭއްވި އެ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭއިން ވަނީ ހާމަކޮށްފަ އެވެ.

ޕޭޝަންޓް 26 އަކީ، މާލެއިން ފެނުނު ވައިރަހުގެ ފުރަތަމަ ކްލާސްޓާގައި ހިމެނޭ ފަރާތެކެވެ. އުމުރުން 37 އަހަރުގެ އެ އަންހެން މީހާއަކީ، ވައިރަހަށް ޕޮޒިޓިވްވި 42 އަހަރުގެ އަންހެން މީހާ، ކޭސް23 އާ ސީދާ ބައްދަލުވި މީހެކެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، ކޭސް 26 އަކީ ޕޮރޮބަބަލް ކޭސްއެއް ނަމަވެސް އެ ކޭސް ގުނާނީ، ޕޮޒިޓިވް ކޭސް އެއްގެ ގޮތުގައި ކަމަށެވެ. އަދި އޭނާ ދޫކޮށްލާނީ، 14 ދުވަހުގެ ފަރުވާއަށް ފަހު ހަދާ ޓެސްޓުން ނެގަޓިވްވުމުން ކަމަށް މަބްރޫކު ވިދާޅުވި އެވެ.

"ކޭސް26 އަކީ، ޕޮރޮބަބަލް ކޭސްއެއް.. އެކްޓްވި ކޭސްއެއްގެ ގޮތުގައި ބަލާނީ. އެ ކޭސްއަށް ޓްރީޓް ކުރާނީ [ފަރުވާދޭނީ] ޕޮޒިޓިވް މީހެއްގެ ގޮތުގައި،" ޕޮރޮބަބަލް ކޭސް އެކަކަށް ވުމުން މިހާރު ޕޮޒިޓިވްވެފައި ތިބި މީހުންގެ ލިސްޓުން އޭނާ އުނިވާނެތޯ "ސަން" އިން ސުވާލު ކުރުމުން މަބްރޫކު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑްގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ޓެސްޓު ހަދާއިރު ފުރަތަމަ ހަދާ ޓެސްޓަކީ، ކޮރޯނާވައިރަހުގެ ސްކްރީނިން ޓެސްޓެއްކަމަށެވެ. އެއަށްފަހު ދެން ކުރަނީ ކޮރޯނާވައިރަސް އެރުމުން ޖެހޭ ބަލި، ކޮވިޑް19އަށް ހާއްސަ ޓެސްޓް ކަމަށް ނަޒްލާ މުސްތަފާ ވިދާޅުވި އެވެ.

"ބައެއް ފަހަރު ސްކްރީނިން ޓެސްޓް ޕޮޒިޓިވްވެފައި، ކޮވިޑް19 ސްޕެސިފިކް ޓެސްޓް ނެގަޓިވް ވެދާނެ. ނަމަވެސް މިސާލަކަށް ސްކްރީނިން ޓެސްޓް ޕޮޒިޓިވްވެފައި، އެމީހާގެ ޑައިރެކްޓް ލިންކެއް އޮންނަ ނަމަ [ޕޮޒިޓިވްވެފައިވާ އެހެން ކޭސްއަކާ ގުޅުމެއް އޮންނަނަ ނަމަ]، ނުވަތަ އަލާމާތްތައް ފެންނަ ނަމަ، [ކޮވިޑް ސްޕެސިފިކް ޓެސްޓް ނެގަޓިވްވާ ހާލަތުގައި] އަޅުގަނޑުމެން ނަގާނީ އެއީ ޕްރޮބަބްލް ކޭސްއެއް ގޮތުގައި،" ޑރ. ނަޒްލާ މުސްތަފާ ވިދާޅުވި އެވެ.

މާޗް 29، 2020: ކޮވިޑް19 އާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަޒްލާ މުސްތަފާ ވިދާޅުވީ، ކޮންމެ ޓެސްޓެއްގައިވެސް ނުރަނގަޅު ނަތީޖާއެއް އައުމުގެ، ކޮންޓިމިނޭޓްވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ނަމަވެސް އެއީ ވަރަށް ހަނި ފުރުސަތެއް ކަމަށް ނަޒްލާ މުސްތަފާ ވިދާޅުވި އެވެ.

"އަބަދުވެސް ޓެސްޓް ހަދާ އިރު ކުޑަ ކުޑަ ފުރުސަތެއް އިންނާނެ [ކޮންޓިމިނޭޓްވުމުގެ] މިސާލަކަށް އެހެން ހީވަންޔާވެސް އަޅުގަނޑުމެން ބަލާނެ އެހެން ކަންތައްތަކަށްވެސް. މިސާލަކަށް ޕޮސިޓިވް ކޭސްއަކަށް ހުށަހެޅިފައިވޭތޯ. މިސާލަކަށް އާންމުކޮށް ޕޮޒިޓިވް ކޭސްއަކަށް ހުށަހެޅިފައިވާ މީހަކު ނެގަޓިވް ރިޒަލްޓެއް އަޔަސް، އަޅުގަނޑުމެން އޭނާ އެކަހެރި ކުރާނެ،" ނަޒްލާ މުސްތަފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިހާރު ހަދާ ޕީސީއާރު ޓެސްޓުގައި ސާމްޕަލް ނާގާ ގޮތުންވެސް ނެގަޓިވްވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެފަދަ ހާލަތްތަކުގައި އޭނާގެ ކޮންޓެކްސްޓަށް ބަލާ އެމީހަކު 14 ދުވަހަށް އެކަހެރި ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް އިންޓިއުބޭޓް ކުރާ އިރު، ނޭވާލާހޮޅި ތެރެއިން ނަގާ ޓެސްޓްވެސް އެބަހުރި ޕޮޒިޓިވްވެފައި. މިކަހަލަ ގޮތަކަށްދާ ޓެސްޓެއް އަޅުގަނޑުމެން އެއްކޮށް ޑިސްކާޑެއް ނުކުރާނެ. އަޅުގަނޑުމެން ބައެއް ފަހަރު ޕްރޮބަބްލް ކޭސްއެއްގެ ގޮތުުގައި ނަގާނީ. ހާއްސަކޮށް ޑައިރެކްޓް ކޮންޓެކްޓަކާ ލިންކެއް އުޅެންޏާ [އެހެން ޕޮޒިޓިވް ކޭސްއަކާ ގުޅުމެއް އޮންނަނަމަ]" ނަޒްލާ މުސްތަފާ ވިދާޅުވި އެވެ.

ނަޒްލާ މުސްތަފާގެ އެ ވާހަކަ ތަކަށް ތާއީދު ކުރައްވާ، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ޕީޑިއަޓްރިކް އިންފެކްޝަން އެކްސްޕާޓް ޑރ. ނަޒްލާ ރަފީގުވެސް ވިދާޅުވީ، އެފަދަ ހާލަތްތަކުގައި އެއީ ނެގަޓިވް ކޭސްއެއްގެ ގޮތުގައި ނުބަލާނެ ކަމަށެވެ. އެ ފަދަ ކޭސްތައް ބަލާނީ ޕްރޮބަބަލް ކޭސްގެ ގޮތުގައި ކަމަށް ނަޒްލާ ރަފީގު ވިދާޅުވިއެ ވެ.

އޭނާ ވިދާޅުވީ، ކޭސްތަކުގެ ތެރޭގައި ތިން ވައްތަރެއްގެ ކޭސް މިން ކުރާ ކަމަށެވެ. އެއީ "ކޮމްފާމްޑް ކޭސްއާއި ޕްރޮބަބްލް ކޭސް އަދި ސަސްޕެކްޓެޑް ކޭސް،" ކަމަށް ނަޒްލާ ރަފީގު ވިދާޅުވި އެވެ.

"އެއް ކޭސް ރީކްލެސިފައި ކުރަން ކޮންފާމްޑް ކޭސްއެއް [ކުރިން ޕޮޒިޓިވްވެފައިވާ ކޭސްއެއް] ޕްރޮބަބަލް ކޭސްއެއްގެ ގޮތުގައި. އަދި އިތުރަށް ކޭސް ނަންބާއެއް ނުދޭ ކޭސް އެއް އުޅޭނެ އެގޮތަށް އަޅުގަނޑުމެން ރީކްލެސިފައި ކުރާ ގޮތަށް [ޕްރޮބަބަލް ކޭސްއެއް ގޮތުގައި]،" ނަޒްލާ ރަފީގު ވިދާޅުވި އެވެ.

އޭޕްރީލް 6، 2020: ކޮވިޑް19 އާއި ގުޅުން ހުރި މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެގޮތަށް ނިންމި ނަމަވެސް މިހާރު ޕޮޒިޓިވްވެފައިވާ ކޭސްތަކުގެ ގޮތުގައި ގުނަމުން އައި ކޭސްތަކުގެ އަދަދު މަދު ނުވާނެ ކަމަށް ނަޒްލާ ވެސް ވިދާޅުވި އެވެ. އެހެން ކަމުން މިހާރު ޕްރޮބަބަލް ކޭސްއެއްގެ ގޮތުގައި ނިންމާފައިވާ ކޭސްގެ އިތުރުން އިތުރު އެއް ޕްރޮބަބަލް ކޭސް އުޅޭނެ ކަމަށް ނަޒްލާ ވިދާޅުވި އެވެ. އެއާއެކު މިހާރު ނަންމަބަރު ނުދޭ ކޭސްއާއެކު ޖުމްލަ ދެ ޕްރޮބަބްލް ކޭސް އުޅޭނެ ކަމަށް ނަޒްލާ ރަފީގު ވިދާޅުވި އެވެ. ބަކީ ހުރި ކޭސްތައް ބަލާނީ "ކޮމްފާމްޑް ކޭސް" ގެ ގޮތުގައި ކަމަށް ނަޒްލާ ރަފީގު ވިދާޅުވި އެވެ. އަދި އެ ކޭސްތަކުގެ މައުލޫމާތު ހާމަކުރަމުންދާނެ ކަމަށް ވިދާޅުވި އެވެ.

ނަޒްލާ އިތުރަށް ވިދާލުވީ، މިހާރުވެސް ސަސްޕެކްޓެޑް ކޭސްގެ ގޮތުގައި ބައިވަރު ކޭސްތައް އުޅޭނެ ކަމަށެވެ. އެފަދަ މީހުން ޓެސްޓް ކުރި ނަމަވެސް، އެ ކޭސްތައް އިއުލާން ނުކުރާނެ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

"އެ ކޭސްތައް ނެގެޓިވް ވީމާ ވެސް ޑރ. ނަޒްލާ މުސްތަފާ އެ ވިދާޅުވި ހެން ވަރަށް ކުޑަ ފުރުސަތެއް ވެސް ބަލި ޖެހުމުގެ އޮންނާތީވެ އެ ފަރާތްތައް ވެސް ހަމަ އަލާމާތްތައް ފެނުމަށްފަހު 14 ދުވަސް ވަންދެން އަޅުގަނޑުމެންގެ ފޮލޯ އަޕްގައި މޮނިޓަރިންގެ ދަށުގައި ބައިތިއްބާފައި އަޅުގަނޑުމެން ދޫކޮށްލަނީ. ދެން އެ ކޭސްތައް އަޅުގަނޑުމެން ސަސްޕެކްޓެޑް ކޭސްތަކުގެ ގޮތުގައި އިއުލާނެއް ނުކުރަން. އެހެންވީމާ މިހާރު މިހިރަ ކޭސްތަކަކީ ކޮންފޯމްޑް ކޭސް. އިތުރު ދެ ޕްރޮބަބުލް ކޭސް އަޅުގަނޑުމެންގެ އުޅޭނީ ހަމަ އެގޮތަށް އިނގޭތޯ،" ނަޒްލާ ރަފީގު ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ، 67 މީހެކެވެ. އޭގެ ތެރެއިން 16 މީހަކު ވަނީ ވައިރަހުން ރަނގަޅުވެފަ އެވެ. ރާއްޖޭގައި އެކްޓިވް ކޭސް ނުވަތަ ފަރުވާ ދެމުންދާ ކޭސްތަކުގެ އަދަދަކީ، 49 އެކެވެ. ބާކީ ތިބި ދެމީހުންނަކީ، ރާއްޖެއިން ފުރައިގެން ދިޔަ ފަހުން ވައިރަހަށް ޕޮޒިޓިވްވިކަން އެނގުނު ދެ ފަތުރުވެރިންނެވެ.

--

ނޯޓް:ސަން އިން ކުރިން އެރުވި ހަބަރުގައި "ކޭސް 16 އަކީ ޕޮޒިޓިވް ކޭސް އެއް ނޫން، ޕްރޮބަބަލް ކޭސްއެއް" ކަމަށް ޖެހިފައި ވަނީ ލިޔުމުގައިވާ ކުށަކުންނެވެ. ރަނގަޅު ގޮތަކީ "ކުރިން ޕޮޒިޓިވްވި، ކޭސް 26 އަކީ ޕްރޮބަބަލް ކޭސްއެއް" މިހެންނެވެ. މިކަމަށްޓަކައި ކިޔުންތެރިންގެ އަރިހުން ނިހާޔަތައް މާފަށް އެދެމެވެ.