މެދުކެނޑުމަކަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މާދަމާ ފެށުމަށް ނިިންމައިފި އެވެ.

މަޖިލީހުގެ ޖަލްސާތައް މިދިޔަ ހަފްތާގައި ބާއްވާފައެއް ނުވެއެވެ. އޭގެ ކުރީ ހަފްތާގައި ޖަލްސާތައް ބޭއްވީ މެންބަރުން ގޭގައި ތިއްބަވައިގެން އޮންލައިން ކޮށެވެ. މާދަމާގެ ޖަލްސާ ވެސް ބާއްވަނީ އޮންލައިން ކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، މަޖިލީހުގެ މިއަހަރުގެ 27 ވަނަ ޖަލްސާ މާދަމާ އޮންނާނެ ކަމަށެވެ. ޖަލްސާގެ ލައިވް ފީޑް ޓީވީތަކަށާއި ލައިވް ސްޓްރީމް ވެސް ކުރަމުން ދާނެ ކަމަށް އޭނާ ވިިދާޅުވި އެވެ.

ކޮވިޑް-19އާ ގުޅިގެން މަޖިލިސް ހުއްޓިފައި އޮތުމަށްފަހު އޮންލައިންކޮށް ޖަލްސާތައް ކުރިއަށް ގެންދަން ފެށީ މިދިޔަ މަހުގެ 31 ގައެވެ. ކޮމެޓީތައް ވެސް ކުރިއަށް ގެންދިޔައީ މެންބަރުން ގޭގައި ތިއްބަވައިގެން ވެބް ކޮންފަރެންސް މެދުވެރިކޮށެވެ.

ނަމަވެސް މިދިޔަ ހަފްތާގައި އޮންލައިންކޮށް ވެސް މަޖިލިސް ބާއްވާފައެއް ނުވެއެވެ. އެއީ މި ހަފްތާގައި މަޖިލިސް ކުރާ ގޭގައި މެންބަރުން ތިބެގެން ޖަލްސާތައް ކުރިއަށް ގެންދިއުމަށް ނިންމާފަ އެވެ.

ނަމަވެސް މިހާރު ހާލަތު މިިވަނީ އެއްކޮށް ބަދަލުވެފަ އެވެ. ވެރިރަށް މާލޭގައި ކޮވިޑް-19 ފެތުރެން ފެށުމާ އެކު، މާލެ ސަރަހައްދު ލޮކްޑައުންކޮށް މީހުން ބޭރަށް ނިކުތުން ވެސް އޮތީ މަނާކޮށްފަ އެވެ.

މަޖިލީހުގެ ތަޅުމުގައި އެންމެ ފަހުން ޖަލްސާއެއް ބާއްވާފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އެ ޖަލްސާގައި ވަނީ އޮންލައިންކޮށް މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް މެމްބަރުންނާއެކު މަޝްވަރާކުރައްވައިފައެވެ.