ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން އާއި އޭނާގެ ޅިޔަނު އާޔޫޝްމަން ޝަރްމާ އާއެކު ސްކްރީނުން ފެނިގެންދާ އާ ފިލްމުގެ ނަން ހާމަކޮށްފި އެވެ.

އެދެތަރިން އެކުގައި ސްކްރީނުން ފެނިގެންދާ އެ ފިލްމުގެ ނަމަކީ "ދަކް" ކަމަށް ބޭރުގެ ގިނަ މީޑިއާތަކުން ބުނެއެވެ. މި ފިލްމަކީ ދެހާސް އަށާރަ ވަނަ އަހަރު ރިލީޒްކުރި ތެލެގޫ ފިލްމު "މުލްޝީ ޕެޓާން" ގެ ހިންދީ ރީމޭކެއް ކަމަށް ޚަބަރުތައް ބުނެއެވެ.

ފިލްމުގައި އާޔޫޝްމަން ގޭންގްސްޓާރެއްގެ ރޯލުން ފެނިގެންދާއިރު ސަލްމާން ފެނިގެންދަނީ ޕަންޖާބް ފުލުހެއްގެ ރޯލުންކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ބޭރުގެ ގިނަ މީޑީއާތަކުން ފިލްމާ ގުޅޭގޮތުން ގިނަ މައުލޫމާތުތަކެއް ހިއްސާކުރިނަމަވެސް ރަސްމީއެއްވެސް ފަރާތަކުން ފިލްމު ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެއެވެ.

ސަލްމާން މިހާރު އަންނަނީ "ރާދޭ: ޔުއާ މޯސްޓް ވޯންޓެޑް ބާއީ" ގެ މަސައްކަތްކުރަމުންނެވެ. އެ ފިލްމަކީ މި އަހަރުގެ ފިތުރު އީދު ދުވަހު ގެނައުމަށް ތާވަލްކޮށްފައިވާ ފިލްމެކެވެ. ސަލްމާންގެ އާ ފިލްމެއް ވެސް ވަނީ އިއުލާންކޮށްފައެވެ. އެއީ އަންނަ އަހަރުގެ އީދުގައި ގެނެސްދޭ "ކަބީ އީދު ކަބީ ދިވާލީ"އެވެ.