19 Dec 2011, 14:21
މާލޭ އުތުރު ފަރާތު ރަސްމީ ފާލަމުގެ ހުޅަނގު ސަރަހައްދުގައި އަޅާފައި ހުރި މަސް ދޯނިތައް ނެގުމަށް ސަރުކާރުން މަސްވެރިންނަށް އަންގަން ވާނީ ޚާއްސަ ބަނދަރެއް ހެދުމަށް ފަހު ކަމަށް ޑީއާރުޕީން ބުނެފި އެވެ.
ޑީއާރުޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ މަސްވެރިންގެ ގޮފީގެ ރައީސް އަލީ ސޯލިހު މިއަދު ވިދާޅުވީ މަސްދޯނިތައް ނެގުމަށް ސަރުކާރުން އެންގީ މަސްވެރިންނަށް ދަތިކުރުމުގެ ގޮތުން ކަމަށާއި އެކަން އެ ޕާޓީން ކުށްވެރި ކުރާ ކަމަށެވެ.
"އަޅުގަނޑުމެންނަށް މި ފެންނަނީ ވަދެ ނިކުމެ ހަދާ ތަނުން މަސްވެރިން ނެރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާތަން. އަޅުގަނޑުމެން ވެސް ގަބޫލުކުރަން މާލޭގެ މޫނުމަތީގައި އޮންނަ ތަނެއްގައި މަސްވެރިން އެގޮތަށް ތިބެން ވެއްޖެއްޔާ ދަތިތަކެއް ދިމާވާނެކަން. އެހެން ކަމަށްވާ ނަމަ މަސްވެރި އުޅަނދު ވަނުމަށް ޖާގައެއް ހައްދަވައި އެކަން ހަމަޖައްސައި ދެވޭނެ އިންތިޒާމް ހަމަޖައްސަވާފައި އެކަން ކުރަންވާނީ،" އަލީ ސޯލިހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުޅުމާލޭގައި މަސްވެރިންނަށް ބަނދަރެއް ހަދައި ދިނުމަށާއި، މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދެއްވުން އެދި މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އެ ޕާޓީން ފިޝަރީޒް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައި ވާނެ ކަމަށެވެ. ނަމަވެސް އަދިވެސް އެ ސިޓީއަށް ޖަވާބު ލިބިފައިނުވާ ކަމަށް ސޯލިހް ވިދާޅުވި އެވެ.
"މިހާރު މާލޭ އާއި ހުޅުމާލޭ ފަޅުގައި މަސްވެރިނަށް ތަފާތު ދަތިތައް ކުރިމަތި ވަމުންދާތީ މި ޕާޓީން އެކަމާ ކަންބޮޑުވެ މިދިޔަ ސެޕްޓެމްބަރު މަހުގެ 27ގައި މިޕާޓީން ވާނީ ހުޅުމާލޭގައި މަސްވެރިންނަށް ބަނދަރެއް ހަދައި ދިނުމަށާއި އަދި މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް އެދި ފިޝަރީޒް މިނިސްޓްރީއަށް ސިޓީ އެއް ފޮނުވާފައި. ނަމަވެސް ހިތާމަޔަކީ އަދިވެސް އެ ސިޓީގެ ޖަވާބެއް ނުލިބޭ،" އަލީ ސޯލިހު ވިދާޅިވި އެވެ.
އޭނާ ވިދާޅުވީ އައިސް ޓަނެއްގެ އަގު 2008 ވަނަ އަހަރު ލިބެން ހުރީ 700ރ. އަށް ކަމަށްވިޔަސް މިހާރު ލިބެން ހުރީ 1000ރ. އާއި 1800ރ.އާ ދެމެދުގެ އަގަކަށް ކަމަށެވެ. އަދި ތެޔޮ ފީފާއެއްގެ އަގު 2008 ވަނަ އަހަރު ސަބްސިޑީޒް އާއި އެކު 1300ރ. އަށް ގަންނަން ލިބުނު އިރު މިހާރު އެ އަގު 3600ރ. އަށް ބޮޑުވެފައިވާ ކަމަށެވެ.
މާލޭ އުތުރު ފަރާތު ރަސްމީ ފާލަމުގެ ހުޅަނގު ސަރަހައްދުގައި އަޅާފައި ހުރި މަސް ދޯނިތަކާއި އޮޑިފަހަރު ނަގަން ދެކޮޅު ހެދުމުން އޮޑިވެރިންނާ އެކު ފުލުހުންނާއި ސިޓީ ކައުންސިލުން މަޝްވަރާ ކުރަން ވަނީ ނިންމާފަ އެވެ.