މާލޭގައި ކޮމިޔުނިޓީ ސްޕްރެޑް ނުވަތަ އާންމުގެ ތެރޭގައި ވައިރަސް ފެތުރެން ފެށުނީ މީގެ ތިން ހަފްތާ ކުރިން ކަމަށް ލަފާ ކުރެވޭ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެނައައިއޯސީ) އިން ބުނެފިއެވެ.

މާލެއިން ކޮރޯނާ ވައިރަހުގެ ކޭސް އެއް ފެނިފައިވަނީ، މިދިޔަ ބުދަ ދުވަހުއެވެ. އެންމެ ފުރަތަމަ އެ ކްލާސްޓާގައި ކޮންފާމްޑް ފަސް ކޭސް އަދި ޕްރޮބަބްލް ކޭސްގެ ގޮތުގައި އެއް ކޭސް ހިމެނެއެވެ. ވޭތުވެދިޔަ ހަ ދުވަހު މިހާތަނަށް ތިން ކްލާސްޓާއެއް ފެނި، މާލެއިން ވައިރަހަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ 47 އަށް އަރާފައެވެ

މިރޭ ދަރުބާރުގޭ، އެނައައިއޯސީގައި ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮވިޑް19ގެ ރާއްޖޭގެ ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް)ގައި ހިމެނިވަޑައިގަންނަވާ ޕީޑިއޮޓްރިކް އިންފެކްޝަސް އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ކޮރޯނާ ވައިރަސްގެ ކޮމިއުނިޓީ ސްޕްރެޑެއް އުޅޭތޯ ބެލުމަށް މީގެ ކުރިން ރެންޑޮމްކޮށް ޓެސްޓު ކުރާ މިންވަރު އިތުރު ކުރި ކަމަށެވެ. އެގޮތުން އެކަން ކަށަވަރު ކުރުމަށްޓަކައި ފްލޫ ކްލިނިކް އަދި ސެނަހިޔާ އަށް ދެއްކި ގިނަ ބަޔަކު ވައިރަހަށް އަށް ޓެސްޓް ކުރަމުން ދިޔަ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

"އެހެންވީމާ މި މަހުގެ 15 ގެ ކުރިން ނެގި އެއްވެސް ސާމްޕަލް އަކުން ނެތް ޑިޓެކްޓް ކުރެވިފައެއް ކޮވިޑް-19 އުޅޭ ކަމަކަށް،" އޭނާ ވިދާޅުވި އެވެ."އަޅުގަނޑުމެންނަ ލަފާ ކުރެވޭ ގޮތުގައި މިހާރު ރާއްޖޭގައި އުޅޭ ކްލާސްޓާތައް ފެށުނީ މީގެ 2-3 ވީކްސް ކުރިން،"

ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި، ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި ވައިރަސް ޖެހޭ މީހުންގެ ތެރެއިން 80 ޕަސަންޓް މީހުންނަށް މި ބަލި ޖެހެނީ އާދައިގެ ރޯގާއެއްގެ ގޮތުގައެވެ. އަދ 20 ޕަސަންޓަކީ ސިވިއާ މީހުންނެވެ. އޭގެ ތެރެއިން ހާލު ސީރިއަސް ވަނީ ފަސް ޕަސެންޓް މީހުން ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

"އޭގެ މާނައަކީ، ފަސް ޕަސަންޓް ވެނިޓިލޭޓަރަށް ލާން ޖެހިދާނެ. މިހާތަނަށް ސަވަޔަލަންސް އިން ވެސް ވެންޓިލޭޓަރަށް ލާންޖެހޭ މީހެއް ޕޮޒިޓިވްވެފައި ނުވާތީ އަޅުގަނޑު ބޮޑަށް ލަފާކުރަނީ މީގެ 2-3 ވީކްސްގައޭ މި އުޅެނީ [ކޮމިއުނިޓީ ސްޕްރެޑް އުޅޭތާ،" މާލެތެރޭ ކޮމިއުނިޓީ ސްޕްރެޑް އުޅޭތާ ކިހާ ދުވަހެއްވެއްޖެތޯ ސުވާލު ކުުރުމުން ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން ކޮރޯނާ ވައިރަސް ޖެހިފައިވަނީ 69 މީހަކަށެވެ. އޭގެ ތެރެއިން ވޭތުވެދިޔަ ހަ ދުވަހު މާލެއިން އެކަނި 49 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ.