ވަކި ދުވަސްތަކެއްގައި ބާޒާރު ލިލީ އާއި މާފަންނު އިހްސާން ފިހާރައަށް ދިޔަ މީހުން އެޗްޕީއޭ އަށް ރިޕޯޓް ކުރަން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އެދެފިއެވެ.

މިރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ރާއްޖެއިން ޕޮޒިޓިވްވި 55 ވަނަ މީހާ އަކީ ބާޒާރު ލިލީ ފިހާރާގައި މަސައްކަތް ކުރާ މީހެއް ކަމަށެވެ.

އެހެންކަމުން، މި މަހުގެ 13 ވަނަ ދުވަހާއި 14 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 6:00 އަށް އަދި 15 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 6:00 އަށް ބާޒާރު ލިލީ އަށް ދިޔަ އެންމެން އެޗްޕީއޭއަށް ރިޕޯޓް ކުރުމަށް ޑރ. ނަޒްލާ އިލްތިމާސްކުރެއްވިއެވެ.

އޭގެ އިތުރުން ރާއްޖެއިން ޕޮޒިޓިވްވި 59 ވަނަ މީހާއާއި 60 ވަނަ މީހާ އަކީ މާފައްނު އިހުސާން ފިހާރާގައި ޑެލިވަރީ މަސައްކަތުގައި އުޅުނު އެ ފިހާރައިގެ ދެ މުވަައްޒަފުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެ މީހުންގެ ފަރާތުން ބަލި ފެތުރިފައިވޭތޯ ބެލުމަށް، މި މަހުގެ 15 ވަނަ ދުވަހާއި 16 ވަނަ ދުވަހާއި 17 ވަނަ ދުވަހު މާފަންނު އިހްސާން ފިހާރައަށް ދިޔަ އެންމެން އެޗްޕީއައަށް ރިޕޯޓް ކުރަން އޭނާ އިލްތިމާސްކުރެއްވިއެވެ.

އެޗްޕީއޭގެ ހޮޓްލައިން ނަންބަރަކީ 1676 އެވެ.

ބާޒާރު ލިލީ އަދި އިހުސާނު ފިހާރާގައި މަސައްކަތް ކުރާ ބަޔަކު ޕޮޒިޓިވްވެފައިވާއިރު، މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ބީއެޗްއެމްގެ ޑެލިވަރީ މުވައްޒަފަކުވެސް ހިމެނޭ ކަމަށް މީގެ ކުރިން އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެއީ ކޭސް 53 އެވެ. އަދި ކޭސް 27 އަކީ ލިލީގެ ހޯލް ސޭލްގައި މަސައްކަތް ކުރާ މީހެކެވެ. އަދި އޭނާއާގެ އިތުރުން ލިލީގައި މަސައްކަތް ކުރާ 13 ބިދޭސީއަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

މާލެއިން އެންމެ ފުރަތަމަ ބައްޔަށް މީހަކު ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެއާއެކު މާލެ ސަރަހައްދު ލޮކްޑައުންކޮށް 24 ގަޑިއިރުގެ ކާފިއު ހިންގަން ވަނީ ފަށައިފައެވެ. މިހާރު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ 67 އަށް އެރި އިރު މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 47 އަށް އަރައިފައެވެ.