ފަހުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 4 މީހަކާއި 3 ދިވެއްސެއް ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

މިއަދު އެކަނި މާލެއިން 15 މީހަކު ވަނީ ކޮވިޑް-19 ވައިރަހަށް ޕޮޒިޓިވްވެފައެވެ. އެއާއެކު މާލެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 47އަށް އަރައިފައެވެ.

މިއަދު ޕޮޒިޓިވްވި 15 މީހުންގެ ތެރެއިން ފުރަތަމަ ޕޮޒިޓިވްވި އަށް މީހުންގެ ތެރޭގައި ހިމެނެނީ ހަ ދިވެހީންނާއި ދެ ބަންގަލަދޭޝް މީހުންނެވެ. އޭގެ ފަހުން ޕޮޒިޓިވްވި ހަތް މީހުންގެ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކުން ހާމަ ކުރީ މިރެއެވެ.

މިރޭ އެޗްޕީއޭއިން ބުނި ގޮތުގައި ފަހުުން ޕޮޒިޓިވްވި ހަތް މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު އިންޑިއާ މީހަކާއި ތިން ދިވެހީންނެވެ. އެ މީހުން އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މާލެއިން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން "ޕޭޝަންޓް55" އަކީ ބާޒާރު ލިލީ ފިހާރައިގެ މުވައްޒަފެކެވެ. އެހެންކަމުން މި މަހުގެ 13 ވަނަ ދުވަހާއި 14 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 6:00 އަށް އަދި 15 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 6:00 އަށް ބާޒާރު ލިލީ އަށް ދިޔަ އެންމެން އެޗްޕީއޭއަށް ރިޕޯޓް ކުރުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ އެދިފައެވެ.

އޭގެ އިތުރުން މިއަދު ޕޮޒިޓިވްވި ކޭސްތަކުގެ ތެރެއިން 59 މީހާ އާއި 60 ވަނަ މީހާ އަކީ މާފައްނު އިހުސާނު ފިހާރާގެ ޑެލިވަރީ މުވައްޒަފުންނެވެ. އެހެންކަމުން، މި މަހުގެ 15 ވަނަ ދުވަހާއި 16 ވަނަ ދުވަހާއި 17 ވަނަ ދުވަހު މާފަންނު އިހްސާން ފިހާރައަށް ދިޔަ އެންމެން އެޗްޕީއައަށް ރިޕޯޓް ކުރަންވެސް އެންއީއޯސީއިން ވަނީ އެދިފައެވެ.

މާލެއިން އެންމެ ފުރަތަމަ ކޮވިޑް-19އަށް މީހަކު ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެއާއެކު މާލެ ސަރަހައްދު ލޮކްޑައުންކޮށް 24 ގަޑިއިރުގެ ކާފިއު ހިންގަން ވަނީ ފަށައިފައެވެ. މިހާރު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ 67 އަށް އެރި އިރު މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 47 އަށް އަރައިފައެވެ.