21 Apr 2020, 08:56
"މިވަގުތު ހާލަތު ނުރައްކާކަމުން އަޅުގަނޑުމެން މުޅި މާލެ ލޮކްޑައުންއަކަށް ގެނައީ. މީގެ ތިން މަސް ކުރިން އަޅުގަނޑަކަށް ހިއެއް ނުވޭ އެއްވެސް މީހެއްގެ ހިޔާލަށްވެސް ގެނެވޭނެހެން މުޅި މާލެ ލޮކްޑައުންއަކަށް ދާނެ ކަމަށް. އަޅުގަނޑުމެން އެންމެ ފުރަތަމަ ޕްލޭން ކުރި އިރުވެސް އަޅުގަނޑުމެންގެ ހިޔާލަކަށް ނުގެނެވޭ މާލެ، މިހާ ވަރުގަދަ ލޮކްޑައުންއަކަށް ގެންދެވޭނެ ކަމަކަށްވެސް،" މިއީ މިވަގުތު ނުރައްކާތެރި ކޮރޯނާވައިރަހުގެ ޝިކާރައަކަށްވެފައިވާ، މި މާލޭގެ ހާލަތު އެޗްޕީއޭގެ އެޕިޑޮމިލޮޖިސްޓް ޑރ. ނަޒްލާ ރަފީގް ސިފަ ކުރެެއްވި ގޮތެވެ.
ކޮރޯނާވައިރަހުގެ ކޭސްތައް މާލެއިން ފެންނަ ފެށިތާ މިވީ، ހަ ދުވަސް ތެރޭ މިހާތަނަށް 49 ކޭސްއެއް ވަނީ ފެނިފަ އެވެ. އޭގެ ތޭގައި މިދިޔަ ދެ ދުވަހަށް ބަލާއިރުވެސް ކޮންމެ ދުވަހަކު 17 ކޭސް ވަނީ ފެނިފަ އެވެ. ވައިރަސް ވާސިލުވި ގޮތް ދެނަގެނެވިފައި ނުވާ ތިން ކްލާސްޓާއެއް ހިމެނޭ އިރު، އެއްވެސް ކްލާސްޓާއަކަށް ނުފެތޭ ވާނުވާ ނޭނގޭ ނުވަ މީހަކު ޕޮޒިޓިވްވެފައިވެ އެވެ.
މުޖްތަމައު ތެރޭގައި މި ވައިރަސް ގޮތް ނޭނގޭ ގޮތަށް ފެތުރިގެންފައިވާއިރު، ނަޒްލާ ރަފީގު ވިދާޅުވި ގޮތުގައި، މާލެ މިއޮތީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގަ އެވެ. މި ނުރައްކަލުން އަރައިގަނެވޭނީ، މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ރަނގަޅަށް އަމަލުކޮށްގެންކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވި އެވެ. މިއީ ކިހާވަރެއްގެ ނުރައްކަލެއްކަން އެންމެންނަށް ވެސް އެނގެން ޖެހޭ ކަމަށް ވެސް ނަޒްލާ ވިދާޅުވި އެވެ.
"މިހާރު ފެންނަމުން މިދަނީ، މީގެ ހަފްތާއެއްހާ ދުވަސް ކުރިން މީހުންނަށް ޖެހިފައި ހުރި ކޭސްތައް. މިހާ ހިސާބުންވެސް ވައިރަސް އިތުރަށް ފެތުރުން ހުއްޓުވޭނީ، މި ލޮކްޑައުންއާ އެއްގޮތަށް އަމުކޮށްގެން،" ނަޒްލާ ވިދާޅުވި އެވެ. "މާލެ މިއޮތީ ހަމަ ނުރައްކާ ހާލަތެއްގައި،"

ނޫސްވެއިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވާހަކަ ދައްކަވަނީ: މާލެ މިއޮތީ ނުރައްކަލުގެ ހާލަތުގައި ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ޕޮޒިޓިވްވީ ޑެލިވަރީ ކުރި މީހުންނާއި ފްލޫ ކްލިނިކަށް ދިޔަ މީހުން!
މިފަހުން މާލެއިން ޕޮޒިޓިވްވި ބައެއް މީހުންނަކީ މުދާ ޑެލިވަރީކޮށްދޭ މީހުންނާއި، އަމިއްލައަށް ޝައްކު ކުރެވިގެން ފްލޫ ކްލިނިކަށް ގޮސް ޓެސްޓް ހަދައިގެން ޕޮޮޒިޓިވްވި މީހުންނެވެ. އެގޮތުން އިއްޔެ އެކަނިވެސް ޕޮޒިޓިވްވި 17 މީހުންގެ ތެރޭގައި މިހާތަނަށް ހާމަ ކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، ފްލޫ ކްލިނިކަށް ގޮސް ވައިރަހަށް ޓެސްޓް ކުރި އިރު، ތިން ދިވެއްސަކު ހިމެނެ އެވެ.
ސުވާލަކީ، އެމީހުންގެ ފަރާތުން ކިިތައް މީހުންނަށް ނޭނގި މި ވައިރަސް ފެތުރިފައި ހުރެދޭނެ ހެއްޔެވެ؟ މިދިޔަ ހަފްތާއެއްހާ ދުވަސްތެރޭ އެމީހުންނާ ކިތައް މީހުން ބައްދަލުކޮށްފައި ވާނެ ހެއްޔެވެ؟ ޑެލިވަރީ ކުރި މީހުންގެ ތެރޭގައި ކިތަށް ގެއަށް އެމީހުން ވަދެ ނުކުމެފައި ހުންނާނެ ހެއްޔެވެ؟ މިހާރު އޮތް ގޮތުން ޕޮޒިޓިވްވި އެންމެން ދިމާވި މީހުން ހޯދުމަކީ، ނާދިރު ކަމެކެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެޗްޕީއޭއިން ފާހަގަ ކުރި ގޮތުގައި މިހާތަނަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު، މީގެ ތިން ހަފްތާއެއްހާ ދުވަސް ކުރިން، ކޮމިއުނިޓީ ސްޕްރެޑް ނުވަތަ މުޖްތަމައު ތެރޭގައި ބަލި ފެތުރެން ފަށާފައިވާ ކަމަށް ލަފާކުރެވެ އެވެ. އެއީ މާލެ ލޮކްޑައިންކަށް ދިޔުމުގެ ގާތްގަނޑަކަށް ދެ ހަފްތާއެއްހާ ދުވަސް ކުރި އެވެ.
މިވީ ހަ ދުވަހު މާލެއިން އެކަނި ފެނުނު ކޭސްތަކުގެ އަދަދު 49 އަކަށް އެރި އިރު، ކުރިއަށް އޮތް 14 ދުވަހަކީ މި ވައިރަހުގެ ކޭސްތައް އެންމެ ގިނައިން ފެންނާނެ ކަމަށް ލަފާ ކުރެވޭ ދުވަސްތަކެވެ. މިލެވަލްއަށް ވައިރަސް ފެތުރިގެން ދާނަމަ، މިހާރު ހަދަމުން ދާ ގޮތަށް ކޮންޓެކްޓް ޓްރޭސިންގެ ބޭނުމެއް ވެސް ނޯންނާނެ ކަމަށް ޑރ. ނަޒްލާ ވެސް މީގެ ކުރިން ވަނީ ފާހަގަ ކުރައްވާފަ އެވެ.
ނަޒްލާ ވިދާޅުވި ގޮތުގައި ބަލި ޖެހޭ މީހުންގެ އަދަދު މާ ބޮޑަށް ގިނަވެއްޖެ ނަމަ، ކޮންޓެކްޓް ޓްރޭސިން ހެދުމަކީ ނާދިރުކަމެއް ކަމަކަށް ވާނެ އެވެ.
ބޭނުންވާ ވަރަށް ޓެސްޓް ކިޓްތައް އެބަހުރިތަ؟

ކޮރޯނާ އަށް ޓެސްޓް ކުރަނީ ----
ޕޮޒިޓިވްވާ މީހުން އިތުރުވަމުންދާ ވަރަކަށް ޓެސްޓު ހަދަން ޖެހޭ މީހުން ގިނަ ވާނެ އެވެ. މިއަދު ޕޮޒިޓިވްވެފައި މީހުންގެ ތެރެއިންވެސް ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 903 މީހަކު ވަނީ އެކަހެރި ކުރެވިފަ އެވެ. އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރެއިން 599 މީހަކު ވަނީ އެކަހެރި ކުރެވިފަ އެވެ. ޖުމްލަ މި ދެ ދުވަސްތެރޭ ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓް ވެގެން 1،502 މީހަކު މި ވަނީ އެކަހެރި ކުރެވިފަ އެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ، ޓެސްޓު ކުރަން ޖެހޭ މީހުންނެވެ. ދުވަސްތައް އިތުރުވަމުންދާ ވަރަކަށް އެ އަދަދު ދާނީ އިތުރުވަމުންނެވެ.
ކޮންޓެކްޓް ޓްރޭސިން ހުއްޓާލުމާއެކު ދެން އޮތް ގޮތަކީ ކޮބާ ހެއްޔެވެ؟ ޑަބްލިއުއެޗްއޯއިން ލަފާދީފައި ވަނީ މުޖުތަމައުގައި ވައިރަސް ފެތުރި ގަންނަ ހާލަތުގައި، އަލާމާތެއް ކިރިޔާ ވެސް ފެންނަ މީހުން ޓެސްޓްކޮށް ބަލި ހުރިކަން ވަގުތު ދެނެގަނެ އެ މީހުން އެކަހެރިކޮށް ފަރުވާދިނުމެވެ.
އެކަމަކު ރާއްޖޭގެ ސިއްހީ ނިޒާމުގައި އެވަރުގެ ގާބުލިކަން އެބަ ހުރި ހެއްޔެވެ؟
ރޭ ދަރުބާރުގޭ އެންއައިއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ހާމަ ކުރެއްވި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރެޔާ ހަމައަށް ހުރި ޓެސްޓު ކިޓްތަކުގެ އަދަދަކީ، ޕީސީއާރުގެ 3،500 ޓެސްޓް ކިޓާއި ސީރިއޮލޮޖީ ނުވަތަ ލެއިން ހަދާ ޓެސްޓު (ބްލަޑް ޓެސްޓް) ހެދާ 500 އެއްހާ ޓެސްޓް ކިޓެވެ. ހަމަ ގައިމުވެސް މި އަދަދަކީ، ކުރިއަށް އޮތް ދުވަސްތަކަށް އެކަށީގެންވާ މިންވަރުގެ އަދަދަކަށް ނުވާނެ އެވެ.
މަބްރޫކު ވިދާޅުވި ގޮތުގައި މިހާތަނަށް ރާއްޖެއަށް ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައި ހުރީ، 40،000 ޓެސްޓް ކިޓެވެ. އޭގެތެރޭގައި ހިމެނެނީ، ޑަބްލިއުއެޗްއޯ އިން ދޭ 10،000 ޓެސްޓް ކިޓް، ޗައިނާގެ ސަރުކާރުން ދޭ 10،000 ޓެސްޓް ކިޓް އަދި އަލީބާބާ ކުންފުނީގެ ވެރިޔާ ޖެކްމާ ހަދިޔާ ކުރި 10،000 ޓެސްޓް ކިޓެވެ. ނަމަވެސް ދަތުރުފަތުރުކުރުމުގެ ހުރަސްތަކާއެކު އެ ކިޓްތައް ރާއްޖެއާ ހަމައަށް ނާދެވި އުޅޭތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ.
މަބްރޫކު ވިދާޅުވީ، އެ ޓެސްޓް ކިޓްތަކުގެ ތެރެއިން ބުރާސްފަތި ދުވަހު ޑަބްލިއުއެޗްއޯގެ 5،000 ކިޓް އަދި މި ހަފްތާ ތެރޭ ޗައިނާ އިން އަންނަ 20،000 ކިޓް ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.
އެ ޓެސްޓްކިޓްތައް ނުލިބި، މިހާރު ރާއްޖޭގައި ހުރި 3،500 ޓެސްޓް ކިޓް ހުސްވެއްޖެ ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ސަރުކާރުގެ ޕްލޭނަކީ ކޮބާ ހެއްޔެވެ؟
އެއްފަހަރާ ގިނަ މީހުން ބަލިވެއްޖެ ނަމަ ފަރުވާ ދިނުމުގެ ގާބިލުކަމެއް ނެތް!
މިހާތަނަށް ފަރުވާއެއްވެސް ހޯދިފައި އަދި ނުވާ މި ވައިރަހުގެ އެންމެ ނުރައްކާތެރި ކަމަކީ، އާންމުންގެ ތެރޭގައި ހަލުވި ކަމާއެކު މި ވައިރަސް ފެތުރޭ ހާލަތެއްގައި އެ ގައުމެއްގެ ސިއްހީ ނިޒާމަށް ނުކަތާވަރަށް ވައިރަސް ޖެހޭ މީހުންނަށް ފަރުވާ ދޭން ޖެހުމެވެ،
ޑިސްޓްކްޓް ހެލްތް ބޯޑް ވައިކާޓޯ، ނިއުޒިލޭންޑްގައި މަސައްކަތް ކުރައްވާ ޑރ. ޝީނާ މޫސާ ވިދާޅުވި ގޮތުގައި، އެޗްޕީއޭގެ އަމާޒަކީ، އެފައްހަރާ ބަލި ޖެހޭ މީހުންގެ އަދަދު މަދު ކުރުން ކަމަށެވެ. އެ ފަހަރާ ވައިރަސް ޖެހޭ މީހުންގެ އަދަދު އިތުރުވާނަމަ، އެމީހުންނަށް ފަރުވާ ދިނުމުގައި ރާއްޖޭގެ ސިއްހީ ނިޒާމުގައި އެވަރުގެ ވަސީލަތެއް ނުހުންނާނެ ކަން ޝީނާ ވިދާޅުވި އެވެ.
"[މިހާރު ފެތުރޭ ނިސްބަތުން] 14 ދުވަސްތެރޭ ވެންޓިލޭޓަރު ވަރަށް ލާން ޖެހޭ މިންވަރު މަތިވޭ. ގާތްގަނޑަކަށް އަޅުގަނޑުމެންގެ ހުރި ކެޕޭސިޓީއަށް އެ ދިޔައީ. އޭގެ އިތުރުން 21 ވަނަ ދުވަހަށްދާއިރު، އަޅުގަނޑުމެންގެ ކެޕޭސިޓީގައި ނެތް އެވަރެއް. އަދި ބައިވަރު އެދުތަކެއް ހެދި ނަމަވެސް، އެކަމަށް ކޭޓާ ކުރެވޭވަރުގެ ހުނަރު ހުރި ސިއްހީ ހިދުމަތްތްތެރިންނެއް ނެތް،" މިދިޔަ ހުކުރު ދުވަހު އެންއައިސޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވި އެވެ.

އެންއައިއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވާހަކަ ދައްކަވަނީ ----
ޝީނާ ހިއްސާ ކުރެއްވި ދިރާސާ އިން ދައްކާ ގޮތުން އެންމެ ނުރައްކާ ހާލަތުގައިވެސް 14 ދުވަސް ތެރޭ 19،000 އަށް ވުރެ ގިނަ ކޭސް ފެނިދާނެ އެވެ. އަދި 21 ދުވަސް ތެރޭ 36،500އަށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހުމުގެ ފުރުސަތު އެބަ އޮތެވެ. އެއީ އެއްވެސް އަޅާލުމެއް ނެތް ނަމަ އެވެ. އެއީ، ގައިދުރު ކަމެއް ނެތި، މަގުމައްޗަށް ނުކުމެ އުޅޭ ނަމަ އެވެ. އެހެން ކަމަށްވާނަމަ، ނަމަ، 100،000 އަށް ވުރެ ގިނަ މީހުންނަށްވެސް ވައިރަސްޖެހި، ފަރުވާދޭން ޖެހިދާނެ ހާލަތަކަށް އައިސްދާނެ ކަމުގެ އިންޒާރު ޑރ. ޝީނާ އެދުވަހު ދެއްވި އެވެ.
ވައިރަހުގެ ޝިކާރައަކަށް ލައްކައަކަށް ވުރެން ގިނަ މީހުން ވެއްޖެ ނަމަ، ރާއްޖޭގައި ތިބި ޑޮކްޓަރުންގެ އަދަދަކީ 2،000 އެއްހާ ޑޮކްޓަރުންނެވެ. އޭގެ ތެރެއިން މިވަގުތު ކޮވިޑްއަށް އެންއައިއޯސީގައި މަސައްކަތް ކުރެވޭނެ ޑޮކްޓަރުންގެ އަދަދަކީ، 905 މީހުންނެވެ. އެވެ. ޑޮކްރުންނާއެކު މަސައްކަތް ކުރާ ނަރުހުންގެ އަދަދަކީ، މުޅި ރާއްޖޭގައި 2،970 ނަރުހުންނެވެ. މީގެ އިތުރުން އެހެން ގައުމުތަކުގައި ތިބި ދިވެހިން ޑޮކްޓަރުން ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު، އަދި ބައެއް މީހުން މިހާރު ގެނެސްފައިވާ އިރު، އެމީހުންނަށް ހިދުމަތައް ނުކުމެވޭނީ، ކަރަންޓީންގެ މުއްދަތައް ފަހު އެވެ.

ޑރ. ޝީނާ ހިއްސާ ކުރެއްވި ދިރާސާ
މުޅި ރާއްޖޭގައި މިވަގުތު ހުރި ވެންޓިލޭޓަރުގެ އަދަދަކީ، 103 ވެންޓިލޭޓަރާއި 71 އައިސީޔޫ އެނދެވެ. މިހާރު ސަރުކާރުން ވަނީ ބައެއް ކުންފުނިތަކާއެކު އިތުރު 143 ވެންޓިލޭޓަރު ގެނައުމަށް އެގްރިމަންޓް ހަދާފަ އެެވެ. އެގޮތުން މާދަމާ ބައެއް ވެންޓިލޭޓަރުތައް އަންނާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފަ އެވެ. މީގެ އިތުރުން ހުޅުމާލޭގައި 40 މިލިއަން ރުފިޔާގެ ހަރަދުކޮށްގެން 300 އެނދުގެ މެޑިކަލް ފެސިލިޓީއަށް ދަނީ ހަދަމުންނެވެ.
ރާއްޖެއަށް އޮތް ބިރަކީ، ޓެސްޓްކުރަން ޖެހޭ ވަރަށް ޓެސްޓް ނުކުރެވި، ވައިރަސް ޖެހޭ މީހުންގެ އަދަދު އިތުރުވެގެން ދިޔުމެވެ. އެހެންވެއްޖެ ނަމަ، ދުވަހެއް ދުވަހަަކަށް ވައިރަސް ޖެހޭ މީހުންގެ އަދަދު އިތުރުވެ، ސިއްހީ ނިޒާމަށް ނުކުތާވަރަށް ގޮސްދާނެ އެވެ. އިސާހިތަކު މިހާރު ހުރި އެނދުތައް ފުރި، މީހުންނަށް ފަރުވާ ނުދެވޭ ހިސާބަށް ދިޔުމަކީވެސް ހަމަ ކައިރީގައި އޮތް ކަމެކެވެ.
އެ ބިރުވެރިކަން އަހަރުމެން އެންމެނަށް ވިސްނި، ކުރަން ވީ ކަމަކީ، ގޭގައި ތިބުމެވެ. ބޭރަށް ނުދިޔުމެވެ. ސިއްހީ މާހިރުގެ އިރުޝާދުތަކަށް އަމަލު ކުރުމެވެ.