ކޮރޯނާވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން މާލެ ލޮކްޑައުންގައި އޮތުމާ ގުޅިގެން މާލެ ސަރަހައްދުގައި ވެކްސިން ދިނުން ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

މާލެއިން ކޮރޯނާ ވައިރަސްގެ ކޭސް އެއް ފެނުމާއެކު މާލެ ލޮކްޑައުންކޮށްފައިވަނީ، މިދިޔަ ބުދަ ދުވަހުއެވެ. ފަހުން އެ މުއްދަތު ވަނީ 14 ދުވަހަށް އިތުރު ކޮށްފައެވެ.

އެޗްޕީއޭ އިން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނީ، 14 ދުވަހުގެ ލޮކްޑައުން މުއްދަތުގައި ވެކްސިން ދިނުން ހުއްޓާލާފައިވާ ކަމަށާއި އެގޮތަށް ނިންމީ، ކޮރޯނާވައިރަހުގެ ބަލި މީހުން މިހާރު މާލެތެރެއިން ފެންނަމުންދާތީ އާއި މާލޭގައި ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާތީކަމަށެވެ. އެގޮތުން މި ފަދަ ދަނޑިވަޅެއްގައި ކުޑަ ކުދިން ގޮވައިގެން ވެކްސިން ދިނުމަށް އެ މަރުކަޒުތަކަށް ދިޔުމަށްވުރެ، ގޭގައި މަޑުކުރުން ރައްކާތެރިކަމަށް ބެލެވޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ލޮކްޑައުންގެ މުއްދަތަށްފަހު، މި ހާލަތު ދިގު ދެމިގެންދާނަމަ، މާލެ ސަރައްހަދުގައި ވެކްސިން ދިނުން ކުރިއަށް ގެންދާނެ ގޮތްތައް ފަހުން ހާމަކުރާނެ ކަމަށް އެޗްޕީއޭގެ ބަޔާނުގައި ބުނެއެވެ.

މާލެއިން މިދިޔަ ހަ ދުވަސް ތެރޭ ޖުމްލަ 47 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި މިއަދު އެކަނިވެސް 15 މީހަކަށް ވަނީ ވައިރަސް ޖެހިފައެވެ.