ނޭޕާލްއާއި ބަންގްލަދޭޝްގައި ކިޔަވަން ތިބި 71 ދިވެހި ދަރިވަރުންގެ އިތުރުން އެގައުމުގެ މެޑިކަލް ޓީމެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ބަންގުލަދޭޝް އަސްކަރިއްޔާގެ އެ ފްލައިޓް މިއަދު ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ޖައްސާފަ އެވެ.

އެ ފްލައިޓުން ޖުމްލަ 81 މީހަކު ރާއްޖެ އައިސްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ބަންގުލަދޭޝްގެ 10 މެޑިކަލް ޑޮކްޓަރުންނާއި އެ ގައުމުގައި ކިޔަވަން ތިބި 53 ދަރުވަރުންގެ އިތުރުން ނޭޕާލްގައި ކިޔަވަންތިބި 18 ދަރިވަރުން ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފަ އެވެ.

އެ ހުރިހާ ފަރާތްތައް ވެސް ފުރަތަމަ ޖެހޭނީ ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަސް ކަރަންޓީން ފުރިހަމަ ކުރާށެވެ.

"މި ފްލައިޓް އަނބުރާ ފުރައިގެންދާއިރު އަންޑޮކިމެންޓެޑް 70 ބަންގުލަދޭޝީ ރައްޔިތުން އަނބުރާ އެ ފްލައިޓްގައި ދާނެ،" ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވި އެވެ.

ކޮވިޑް-19ގެ ނުރައްކާ ދެކުނު އޭޝިޔާއަށް ކުރަން ފަށާފައި ވަނިކޮށް މީގެ ކުރިން ރާއްޖެ އިން ބޭރުގައި ދިރިއުޅުނު ބައެއް ކިޔަވާ ކުދިންނާއި އާންމު ރައްޔިތުން ވަނީ ގެނެސްފަ އެވެ. ނަމަވެސް ބަންގުލަދޭޝްގައި ތިބި ދަރުވަރުންނާއި ހިލާފަށް އެ ފަރާތްތައް ރާއްޖެ ގެނެސްފައި ވަނީ މޯލްޑިވިއަންގެ ފްލައިޓްތަކުގަ އެވެ.

ރާއްޖޭގެ އާބާދީގެ 25 ޕަސެންޓު ހިއްސާކުރަނީ ބިދޭސީ މަސައްކަތްތެރިން ކަމަށާއި އެ މީހުންގެ ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން ރާއްޖޭގައި ކޮވިޑް19 ފެތުރިއްޖެނަމަ ބަލީގެ ނުރައްކާ އެންމެ ބޮޑީ އެމީހުންނަށް ކަމަށް ހިއުމަން ރައިޓްސް ވޮޗް އިން ވަނީ ބުނެފައެވެ.

މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 67 އަށް އެރި އިރު މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 47 އަށް އަރައިފައެވެ. އަދި މާލެ އިން މިހާތަނަށް ވަނީ 17 ބަންގަލަދޭޝް މީހުން ޕޮޒިޓިވް ވެފައެވެ.