ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ގޮތުން ކުރިއަށް އޮތް ރޯދަމަހުވެސް މުސްލިމުން އެއްވުންތައް މަދުކޮށް، ގައިދުރު ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އިން އެދެފި އެވެ.

ޑަބްލިޔުއެޗްއޯއީން އެފަދައިން އެދިފައި ވަނީ ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް ފާހަގަކޮށްފައިވާ ގައިޑްލައިނެއްގަ އެވެ.

އެ ގައިޑްލައިންގައި ޑަބްލިޔުއެޗްއޯއިން ވަނީ ރޯދަމަހު އެއްވުންތައް ބޭއްވުމަށް ނުވަތަ ފަސް ކުރުމަށް ނުވަތަ ކެންސަލް ކުރުމަށް ނިންމާއިރު އެ އެއްވުމުގެ ސަބަބުން ވައިރަސް ފެތުރުމުގެ ނުރައްކާ އޮތް މިންވަރު ބަލަން ޖެހޭ ކަމަށް ބުނެފަ އެވެ. އަދި އެފަދަ އެއްވުމެއް ކެންސަލް ކުރާ ނަމަ ޓީވީ، ރޭޑިއޯ ނުވަތަ އޮންލައިންކޮށް އެ އެއްވުން ބޭއްވިދާނެ ކަމަށާއި އެފަދަ ނިންމުންތައް ގައުމީ ސިއްހީ އިދާރާތަކުން ނިންމާ އިރުގަ އާއި އަންގާ އިރު ދީނީ ލީޑަރުންވެސް ބައިވެރިވުން މުހިއްމުކަން ޑަބްލިޔުއެޗްއޯއިން ފާހަގަ ކުރި އެވެ.

މީގެ އިތުރުން ޖިސްމާނީ ގައިދުރު ކަމަށް އަބަދުވެސް އިސްކަން ދިނުމަށާއި ކޮވިޑް-19ގެ އަލާމާތްތައް ފެންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި ސިއްހީ މައްސަލަތައް ހުންނަ މީހުން އެއްވުންތަކުގައި ބައިވެރިނުވުމަށް އަންގަން އެޖަމްއިއްޔާއިން ލަފާ ދިނެވެ.

ރޯދަމަހު އެއްވުމެއް ބާއްވާ ނަމަ ހުޅުވިފައިވާ ތަނެއްގައި އެއްވުން ބޭއްވުމަށާއި ވީހާވެސް މަދު މީހުންނާއެކު އެއްވުން ބޭއްވުމަށް އިސްކަންދޭން ގައިޑްލައިންގައިވެ އެވެ. އަދި މީހުންގެ ސާފުތާހިރުކަމުގެ އިތުރުން އެއްވުން ބާއްވާތަނެއްގެވެސް ސާފުތާހިރުކަން ޔަގީންކުރުމަށާއި އެއްވުމުގައި ބައިވެރިވި މީހަކު ބަލިވެއްޖެ ނަމަ ވަގުތުން ކޮންޓެކްޓް ޓްރޭސިން ހެދުމަށް އެޖަމްއިއްޔާއިން އެންގި އެވެ.

މީގެ އިތުރުން ޒަކާތް ދިނުމުގަ އާއި ރޯދަ ވީއްލުންތަކުގައިވެސް ގައިދުރުކަން ދަމަހައްޓާ ރޯދަ ހިފާއިރު ތާޒާ ކާނާ ކެއުމަށާއި ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ބުއިން މުހިއްމު ކަމަށް އެޖަމްއިއްޔާއިން ބުންޏެވެ.

މިއަހަރުގެ ރޯދަމަސް އެހެން ރޯދަމަސްތަކާ ތަފާތުވި ނަމަވެސް، މިއަހަރުވެސް އާއިލާ އާއި އެކުވެރިންގެ ހާލުބަލާ، ބަލި މީހުންނަށް ހެޔޮ ދުއާ ކުރުމުގެ މުހިއްމުކަން އެގައިޑްލައިންގައި ފާހަގަކޮށްފައިވެ އެވެ. އަދި ގެއިން ބޭރަށް ނުކުތުން މަދުކޮށްފައިވާ މިދަނޑިވަޅުގައި ގެވެށި އަނިޔާގެ މައްސަލަތައް އިތުރުވުން އެކަށީގެންވާތީ، ދީނީ ލީޑަރުން އަނިޔާއާ ދެކޮޅަށް އަޑު އުފުލާ، އަނިޔާ ލިބޭ މީހުންނަށް އެހީވުމަށް ޑަބްލިޔުއެޗްއޯއިން ގޮވާލި އެވެ.

އަންނަ ބުރާސްފަތި ނުވަތަ ހުކުރު ދުވަހު ރޯދަމަސް ފެށޭ އިރު، ރާއްޖޭގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން މި މަސް ނިމެންދެން ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަން އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފަ އެވެ. އެގޮތުން މި މަހުގެ 30 ވަނަ ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް މުޅި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ފަރުޟު ނަމާދުތަކާއި، ހުކުރު ނަމާދު އަދި ތަރާވީހް ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.