ރާއްޖޭގެ އުތުރަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ނ. އަތޮޅު ހޮޅުދޫގައި ފެން ބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފްގެ ނޮދަން އޭރިޔާގެ ސިފައިން އެ ރަށުގައި ބޮޑުވެފައިވާ ފެންގަނޑު ހިއްކައިފި އެވެ.

ހޮޅަދޫ ކައުންސިލްގެ ރައީސް އަބުދުލްއަޒީޒް އިބްރާހިމް މިއަދު ވިދާޅުވީ މިއަދު ހެދުނު 7:15 އެހާކަންހާއިރު ވެހެން ފެށި ވާރޭ ހުއްޓާލީ ގާތްގަނޑަކަށް މިއަދު 11 ޖަހާކަން ކައިރިވެފައި ވަނިކޮށް ކަމަށެވެ.

އެ ރަށަކީ އާއްމުކޮށް ވިއްސާރަ ވެހޭ އިރު ފެންބޮޑުވާ ރަށެށް ނަމަވެސް މިއަދު ވެހުނު ވިއްސާރައިގެ ސަބަބުން އެ ރަށުގެ ޕްރީސްކޫލް ސަރަހައްދު(ރަށުގެ އަޑި) ހިސާބުގައި ތިން ފޫޓަށް ފެންގަނޑު ބޮޑުވިކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

"މިރަށުގައި އަބަދު ވެސް ފެންބޮޑުވޭ. ނަމަވެސް މިއަދު ވެހުނު ވާރޭގައި ގާތްގަޑަނކަށް ތިން ފޫޓަށް ފެންބޮޑުވި. މިސަރަހައްދުގައި ހުރީ އެންމެ ފެން ޕަންޕެން. އެއިން ފެން ނުހިއްކޭނެތީ އެހީތެރިވުމުގެ ގޮތުން ސިފައިން އައިސް ފެން ހިންކީ،"އަޒީޒް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ މިއަދު ފެންގަނޑު ބޮޑުވުމުގެ ސަބަބުން ޕްރީސްކޫލްގެ އިތުރަށް އެ ރަށުގެ ފަސް ގެއަކަށް ފެންވަދެފައިވާ ކަމަށާއި އެ ސަރަހައްދުގެ ގޭތަކީ ފެންވަދެފާނެ ކަމަށް ސަލާމަތީ ގޮތުން ފިޔަވަޅު އަޅާފައިވާ ގެތަކެއް ކަމަށެވެ. އަދި ހިފާގެން ގުޅޭ ސާމަނަށް ގެއްލުމެއް ލިބިގެން މިހާތަނަށް އެއްވެސް ގެއަކުން ރިޕޯޓް ނުކުރާކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އަޒީޒް ވިދާޅުވީ އެ ރަށުގެ ފެންބޮޑުވާ ސަރަހައްދުގައި ފެން ހިއްކޭނެ އިންތިޒާމްތައް ހަރުދަނާ ކުރެވޭތޯ ކައުންސިލުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.