މާލެ ލޮކްޑައުން ކޮށްފައި އޮތުމުން ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތަކަށް ކާން ދޭނެ މީހަކު ނެތުމުން އެ ދޫނިތަކަށް ފުލުހުން ކާން ދޭން ފަށައިފި އެވެ. އަދި ހަމައެއާ އެކު ލޭ ލިބުން ދަތުވެފައިވާ މި ދަނޑަވަޅުގައި ފުލުހުން ވަނީ އެކަމަށް ވެސް އިސްނަގާފަ އެވެ.

ކޮވިޑް-19ގެ ބަލި މީހަކު ވެރި ރަށް މާލެއިން ފެނުމާ އެކު މާލެ ސަރަހައްދު ވަނީ ލޮކްޑައުންކޮށް ބޭރަށް ނުކުތުން މަނާ ކޮށްފަ އެވެ. އެއާ އެކު އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ.

މާލޭގެ ޖުމްހޫރީ މައިދާނުގައި ގިނަ އަދަދެއްގެ ކޮތަރުތައް އުޅެމުންދާއިރު އެ ކޮތަރުތައް މާލޭގެ އެކި ސަރަހައްދުތަކަށް ދަތުރުކޮށްހަދަ އެވެ. ކާބޮއި އުޅެނީ އެގޮތަށް ކުރާ ދަތުރުތަކުގައި މީހުން މަގުމައްޗަށް އުކާލާ ހަނޑުލާއި މުގުލުންނެވެ.

ޖުމްހޫރީ މައިދާނަށް ބޮނޑިވެފައި އޮތް ކޮތަރުތަކެއްގެ ފޮޓޯއާ އެކު މީހަކު ޓްވިޓާގައި ކުރި ޕޯސްޓެއްގައި ވަނީ މާލޭގެ މަގުމައްޗަށް މީހުން ނިކުތުން މަނާ ކުރުމާއި ގުޅިގެން އެ ކޮތަރުތަކަށް ކާންދޭނެ މީހަކު ނެތިި ކޮތަރުތައް މަރުވަމުންދާ ކަމަށް ބުނެފަ އެވެ.

ކޮތަރުތަކަށް ކާން ދިނުމަށް ފުލުހުންގެ މައި މަރުކަޒު ހުސައިން އާދަމް ބިލްޑިންގައި އުޅޭ ފުލުހުން އެހީތެރިވުމަށް، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ޓެގްކޮށް މީހަކު ވަނީ އެދިފަ އެވެ.

އެ ޓްވީޓަށް ރައްދު ދެއްވައި ސީޕީ ހަމީދު ވިދާޅުވީ، އެކަން ފުލުހުން ކުރައްވަމުން ގެންދާ ކަމަށާއި ހަމައެއާ އެކު ލޭ ހަދިޔާ ކުރުމުން ވެސް ދާ ކަމަށެވެ.

މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) ގައި ހުރި ލޭގެ ސްޓޮކް ހުސްވާން ގާތް ވެފައިވުމުން، ލޭ ހަދިޔާކޮށްދިނުމަށް އެދި އާންމުންގެ އެހީތެރިކަމަށް މިއަދު ވަނީ އެދިފަ އެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ އަސަރު ރާއްޖެއަށް ކުރަން ފެށިތާ ދުވަސްތަކެއް ވެފައިވާއިރު، ލޭ ހޯދުމަށް މީގެ ކުރިން ވެސް ވަނީ އެތައް ފަހަރަކު އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ.