އިހްސާން ފިހާރައިގެ ދެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ފިހާރައިގެ ޑެލިވަރީގައި އުޅުއްވި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ގޭގައި އަމިއްލައަށް އައިސޮލޭޓް ވެއްޖެއެވެ.

ވޮލެންޓިއަރެއްގެ ގޮތުން އިހުސާނު ފިހާރައިގެ ޑެލިވަރީގައި މިނިސްޓަރު މަހްލޫފް ބައިވެރިވަޑައިގަންނަވަން ފެއްޓެވީ ހޮނިހިރު ދުވަހު އެވެ. އެ ދުވަހުން ފެށިގެން އިހްސާން ފިހާރަ ހިމެނޭގޮތަށް އެހެން ބައެއް ފިހާރަތަކުގެ ޑެލިވަރީގައި ވެސް މަހްލޫފާއި ޔޫތު މިނިސްޓްރީގެ ވޮލަންޓިއަރުންގެ ޓީމް ވަނީ ބައިވެރިވެފައެވެ.

އިހްސާން ފިހާރައިގެ ދެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަން ސަރުކާރުން ހާމަކޮށްފައިވަނީ މިއަދު މެންދުރު އޮތް ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އިހުސާނު ފިހާރައިގެ ތިން އައުޓުލެޓެއް ހެންވޭރާއި މާފަންނުގައި ހުންނައިރު އެ ދެ މުވައްޒަފުން އުޅުނީ ކޮން ފިހާރައެއްގައި ކަމެއް އެޗްޕީއޭ އިން އަދި ހާމަކޮށްފައެއް ނުވެއެވެ.

މިނިސްޓަރު މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިހްސާން ފިހާރައިން ދެ މީހުން ޕޮޒިޓިވްވިކަން ފިހާރައިން އެންގި ވަގުތުން ފެށިގެން އެކުލަވާލެވިފައިވާ އުސޫލާއި އެއްގޮތަށް ވަގުތުން ވޮލެންޓިއަތުންގެ މަސައްކަތް ހުއްޓާލުމަށްފަހު ގޭގައި މަޑުކުރަން އަންގާފައިވާނެ ކަމަށެވެ.

ކޮވިޑް-19ގެ ޕޭޝަނެއްޓެއް މާލެ އިން ފެނުމާ އެކު މާލެ ހިމެނޭ ސަރައްހަދު ވަނީ ލޮކްޑައުން ކޮށްފަ އެވެ. ގެއިން ބޭރަށް މީހުން ނިކުތުން މަނާކޮށް ފިހާރަތަކުން ޑެލިވަރީކޮށްދިނުމަށް ސަރުކާރުން އެދުނެވެ. ނަމަވެސް ޑެލިވަރީ ސިސްޓަމް ފެއިލްވެ ގިނަ އަދަދެއްގެ މީހުން ފިހާރަތަކަށް އެއްޗެހި ގަންނަން ދާން ފެށުމާ އެކު ޑެލިވަރީއަށް ވަނީ ވޮލެންޓިއަރުން ނެރެފަ އެވެ. އެކަމުގައި ވެސް އެންމެ އިސްކޮށް ހުންނެވީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އެވެ.

ގޭގެއަށް ކާބޯތަކެތި ޑެލިވަރ ކުރުމުގައި ސިފައިންނާއި ފުލުހުން ވެސް މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މިއަދު އެކަނި ވެސް މާލެ އިން ވަނީ ކޮވިޑް-19ގެ 15 ކޭސް ފެނިފަ އެވެ. އެއާ އެކު މާލެ އިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 47 އަށް އަރާފަ އެވެ. ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 67 އަށް އަރާފައެވެ.