އޮޓަވާ (އޭޕްރިލް 20): ކެނެޑާގެ ނޯވާ ސްކޯޝާގައި ފުލުހުންގެ ޔުނިފޯމްގައި ހުރި މީހަކު ބަޑި ޖަހާ، 16 މީހަކު މަރާލައިފި އެވެ.

ކެނެޑާގެ ފުލުހުން ބުނި ގޮތުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެ ހަމަލާ ދޭން ފެށީ 51 އަހަރުގެ ގެބްރިއެލް ވޯޓްމަން ކިޔާ މީހެކެވެ. އަދި އޭނާއަކީ ފުލުހަކަށް ނުވި ނަމަވެސް އޭނާ ހުރީ ފުލުހުންގެ ޔުނިފޯމެއް ލައިގެން، އޭނާގެ ކާރު ފުލުސް ކާރަކާ އެއްގޮތް ކޮށްގެންނެވެ.

ވޯޓްމަން ބަޑިން ހަމަލާ ދިނީ ނޯވާ ސްކޯޝާގެ އެކި ސަރަހައްދުތަކުގަ އެވެ. އަދި އޭނާ އެ ހަމަލާ ދިން ސަބަބެއް ނޭނގޭ ކަމަށާއި ހަމަލާ އަމާޒުވި ބައެއް މީހުންނަކީ އޭނާއާ އެއްވެސް ގުޅުމެއް ނެތް މީހުން ކަމަށް ފުލުހުން ބުންޏެވެ.

ކެނެޑާގެ ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް ކްރިސް ލެދާ ވިދާޅުވި ގޮތުގައި ފުލުހުން ދިޔައީ ހޮނިހިރު ދުވަހުގެ ރޭ ވޯޓްމަން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އިއްޔެ ހެނދުނު އޭނާ ފެނިފައިވާ ކަމަށާއި އޭނާ އާއި ފުލުުހުންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައި ވޯޓްމަން މަރުވެފައިވާ ކަމަށް ލެދާ ވިދާޅުވި އެވެ.

އެ ހަމަލާގައި 16 މީހަކު މަރުވިކަން ޔަގީންވެފައިވީ ނަމަވެސް އެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފުލުހުން ބުންޏެވެ. އަދި މަރުވި މީހުންގެ ތެރޭގައި ފުލުހަކުވެސް ހިމެނޭ ކަމަށާއި އޭނާއަކީ 23 އަހަރު ހިދުމަތްކޮށްފައިވާ މީހެއް ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ކެނެޑާގެ ފުލުހުން ވަނީ އެ ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ.