20 Apr 2020, 19:56
ސްޕެނިޝް ލީގު މެދުކަނޑާލާފައި އޮތް އިރު ލީގު ކުރިއަށް ގެންދެވޭނެ މާހައުލެއް ނެތި ކެންސަލް ކުރަން ޖެހިއްޖެ ނަމަ ތަށި ދޭން ޖެހޭނީ މިހާރު އެއްވަނައިގައި އޮތް ބާސެލޯނާއަށް ކަމަށް އެޓީމުގެ މިޑްފީލްޑަރު އީވާން ރަކިޓިޗް ބުނެފި އެވެ.
މިހާރު ފެތުރެމުންދާ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު ޔޫރަޕުގެ ހުރިހާ ފުޓުބޯޅަ ލީގުތަކެއް މެދުކަނޑާލާފައި އޮންނަތާ ދޮޅު މަސް ވެގެން ގޮސްފައިވާއިރު ލީގުތަކުގެ ކުޅުން ފެށޭނެ ތާރީހެއް އަދިވެސް ނޭނގެ އެވެ. ޔޫރަޕުގެ ގައުމުތަކުގައި އަދިވެސް ވައިރަސް ކޮންޓްރޯލް ނުވާތީ ލީގުތައް ކެންސަލް ކުރުމަށް މިހާރު ޔޫއެފާއިންނާއި ގައުމުތަކުގެ ފުޓުބޯޅަ އެސޯސިއޭޝަން ތަކުން ދަނީ ވާހަކަ ދައްކަމުންނެވެ.
ނަމަވެސް ލީގުތައް ކެންސަލް ކޮށްފި ނަމަ ޓީމުތައް ރޭންކްކޮށް އެއްވަނައިގައި ތަށި ދިނުމާ މެދު އަދި އެއްވެސް ލީގަކުން ގޮތް ނިންމާފައި ނުވާ އިރު މިވަގުތު ލީގުތަކުގެ އެއްވަނައިގައި އޮތް ޓީމުތަކަށް ތަށި ދޭން ޖެހޭ ކަމަށް ފުޓުބޯޅަ ދިރާސާ ކުރާ ގިނަ ފަރާތްތަކަކުން ވަނީ ބުނެފަ އެވެ. އެކަމަކު އޭރަށް ދެން ތިބި ޓީމުތަކަށް އިންސާފުވެރި ނުވެދާނެ ކަމަށް އެއްބަޔަކު އަންނަނީ ބުނަމުންނެވެ.
ސަބަބަކީ ބައެއް ލީގުތަކުގެ އެއްވަނައާއި ދެވަނައާ ދެމެދު ފަރަގު ކުޑަވެފައި ބައެއް ޓީމުތަކުން ވެސް އެގޮތަށް ބޭނުން ނުވާތީ އެވެ. އެކަމަކު ފަރަގު ކިތަންމެ ކުޑަ ނަމަވެސް ލީގު ކެންސަލް ކުރަން ޖެހިއްޖެ ނަމަ ބާސެލޯނާއަށް ޗެމްޕިއަންކަން ހައްގު ކަމަށް އެޓީމުގެ މިޑްފީލްޑަރު އީވަން ރަކިޓިޗް ވަނީ ބުނެފަ އެވެ.
"އަހަރުމެން އެންމެން ވެސް އެދެނީ އަލުން އަނބުރާ ލީގު ފަށައިގެން ކުޅުމަށް،" ރަކިޓިޗް ބުންޏެވެ. "އެކަމަކު ގަބޫލުކުރަން ދަތި ހަގީގަތަކީ މިވަގުތު އެކަން ވާން ނެތްކަން. އެހެންވީމަ ސީޒަން ނިންމާލަން ޖެހުން އެންމެ ގާތީ،"
ރަކިޓިޗް ބުނީ އެގޮތަށް ކަން ހިނގައިފި ނަމަ އެންމެ އިންސާފުވެރި ގޮތަކަށް ވާނީ މިވަގުތު އެއްވަނައިގައި އޮތް ބާސެލޯނާއަށް ތަށި ދިނުމެވެ. ބާސެލޯނާ އެއްވަނައިގައި އޮތް އިރު އެ ޓީމާ އެންމެ ވާދަވެރި ރެއާލް މެޑްރިޑް އޮތީ އެެ ޓީމަށް ވުރެން ދެ ޕޮއިންޓް ފަހަތުގަ އެވެ.
"ޕްލޭން އަކީ އަންނަ ސީޒަނަށް ވެސް ބަލައިގެން ކުރިއަށް ދިއުން. އެހެން ވީމަ މި ސީޒަން އެބަޖެހޭ ނިންމާނެ ތާރީހެއް ކަނޑައަޅައި، ޓީމުތަކަށް އަންގަން،"
ރަކިޓިޗްގެ ބާސެލޯނާ ކޮންޓްރެކްޓް އަންނަ އަހަރާއި ހަމައަށް ހަމަވާ އިރު ޔޫރޮޕުގެ ބޮޑެތި ބާރުތަކަކުން އަންނަނީ އޭނާއަށް ފާރަވެރިވަމުންނެވެ. އެގޮތުން އިޓަލީގެ އިންޓަ މިލާން އަދި އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑް ހިމެނެ އެވެ.