ބ. ގޮއިދޫގައި އަމިއްލަ މީހަކު ހައްދާ ދަނޑުތަކަކަށް ވަރަށް ބޮޑަށް ގެއްލުން ދީފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 8:30 ގަ އެވެ.

ފުލުހުން ބުނީ ބ. ގޮއިދޫގައި އަމިއްލަ މީހަކު ހައްދާ ދަނޑަކަށް ވަރަށް ބޮޑަށް ގެއްލުން ދިން މައްސަލައެއް މިއަދު ހެނދުނު ހުށަހަޅާފައިވާ ކަމަށާއި، އެ ދަނޑުތަކުގައި ހައްދާފައި ހުރި ޗިޗަންޑާއާ ތޮރާތައް ގަހުން ކަނޑައި ގަސްތަކަށް ވެސް ގެއްލުން ދީފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އާބާދީގައި 800 އެއްހާ މީހުން ދިރިއުޅޭ ބ. ގޮއިދޫ އަކީ ދަނޑުވެރި ރަށެކެވެ. އެ ރަށުގައި ހައްދާ މޭވާއާ ތަރުކާރީގެ ބޮޑުބައެއް ވިއްކަނީ މާލެއަށް ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފަ އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން މުޅި ރާއްޖެ ލޮޮކްޑައުންކޮށްފައިވާއިރު އެ ރަށުން ވެސް ތަކެތި ބޭރުކުރުވޭ ގޮތް އަދި ވަނީ ނުވެފަ އެވެ.